Last Updated: July 12, 18:50
Sunday, July 12, 2026
ޚަބަރު

ރައީސް ކަމަށް ވުރެ އެންމެ މުހިއްމީ އެމްޑީޕީއަށް ކާމިޔާބު

ރައީސް ކަމުގެ މަގާމަށް ވުރެ މިވަގުތު އެންމެ މުހިއްމީ އެމްޑީޕީއަށް ކާމިޔާބު ލިބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ "ވިއޯން ނިއުސް" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ހަމައެކަނި މި ސަރަޙައްދުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ މުއައްސަސާއެއް ކަމަށާއި އެމަނިކުފާނުގެ އުންމީދަކީ ޕާޓީ ހިންގުމުގައި އެހީތެރިވެދީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ވެރިކަމަށް ޕާޓީ ވާސިލުވުމަށް މަސައްކަތް ކުރުން ކަމަށެވެ.

އަދި އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމުތަކުގެ ސިޔާސީ ޕާޓީތަކަށް ނަމޫނާ ޕާޓީއަކަށް އެމްޑީޕީ ހެދުމަކީވެސް އަމާޒެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑަށް އެންމެ މުހިންމީ އަޅުގަނޑުގެ ރައީސްކަމަށް ވުރެ ބޮޑަށް، އެމްޑީޕީއަށް ކާމިޔާބު ލިބުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިހާރު މި ޢަމަލުކުރާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާރު 18 އަހަރު ފާއިތުވެފައިވާއިރު، މި ޤާނޫނުއަސާސީގެ ސަބަބުން ޑިމޮކްރެސީގެ ގޮތުންނާއި ތަނަވަސްކަމުގެ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ހުރި ކަންބޮޑުވުންތަކަށް ބަލާއިރު، ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ކަންކަން އަލުން މުރާޖަޢާކޮށް ތަރުތީބުކުރަން ޖެހޭކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި އެއީ ހޯދި ކުރިއެރުންތަކުން ފަހަތަށް ނުދާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ވިދާޅުވި އެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.