ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް މި ދައްކަނީ ލެޖިޓިމޭޓް ރަނގަޅު ވާހަކަތަކެކެވެ. އެގޮތުން ރާއްޖޭގައި މިހާރު މިއޮންނަ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އެހެން ނަމަވެސް އެކަން ކުރާނެ ގޮތަކާ މެދު އަޅުގަނޑުގެ ހިތުގައި ސުވާލު އުފެެދެ އެވެ.
އެއީ ބޮޮޑު ބަދަލު ގެނެވޭނީ ގާނޫނުއަސާސީން އެކަން ކުރުމަށް ފުރުސަތު ލިބިގެން. އެގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނެވޭނީ މަޖިލިސްގެ ތިންބައިކުޅަ ދެބައި ލިބިގެން ކަމަށްވާތީ އެވެ. މިހާރު މަޖިލީހުގެ މި ދެންނެވި އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށެވެ. އެހެންވެ 2028 އެމްޑީޕީ އަށް ލިބުނަސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނާނީ ހަމަ ވެރިކަން ކުރާ ޕާޓީގެ އަތުގަ އެވެ.
ދެހާސް އަަށާވީހުގެ ރިޔާސީ އިންތިޚާބުގެ ފަހުން އޮންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް ތިންބައިކުޅަ ދެބައި ލިބޭވަރުގެ އަޣުލަބިއްޔަތެއް ލިބޭނެކަމުގެ ޔަގީން ކަމެއް ނެތެވެ. މިސާލަކަށް 2028 ގައި އެމްޑީޕީ އަށް ރިޔާސީ އިންތިޚާބު ލިބުނީޔޯ އެވެ. އެކަމަކު މިހާރު މި އޮންނަ ރިޔާސީ ނިޒާމުގެ ދަށުން ވެރިކަމަށް އަންނާނީ އަނެއްކާ ވެސް ހަމަ ބާރުގަދަ ރައީސެކެވެ. މިތާނގައި އުފެދޭ ސުވާލަކީ އޭނާ އެކަން އެގޮތަށް ކުރަން ޖާގަ ދޭނެ ހެއްޔޭ އެވެ؟

އެމްޑީޕީގެ 2028 ގެ މެނިފެސްޓޯގައި އެ ވާހަކަ ހިމެނިދާނެ އެވެ. އެކަމަކު 2018 ވަނަ އަހަރުގެ އެމްޑީޕީން ހުށަހެޅި މެނިފެސްޓޯގައި ވެސް އަޅުގަނޑުމެން ގާނޫނުއަސާސީއަށް ބަދަލު ގެންނަ ވާހަކަ ލިޔުނީމެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމުން އިބުރާހިމް މުޙައްމަދު ސޯލިޙް ކަން ކުރެއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަހުއްޓެވެ.
މި ހުރިހާ ސަބަބުތަކެއް މި ގޮތަށް އޮތްވައި ބޮޑު ބަދަލު ގެންނާނީ ކިހިނެއްތޯ އެ އެވެ؟ މިއީ ކުރެވޭ ސުވާލެކެވެ.