ޝާހިދު ކަޕޫރް ހިމަނައިގެން ޑައިރެކްޓަރު އަމިތު ޝަރުމާ ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލާއަކަށް ގެންނަން ދެ ތަރިއަކާ އެކު ވާހަކަ ދެކެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް ފިލްމުގެ ބަތަލާއަކަށް ގެންނަން ވާހަކަ ދެކެވެނީ ޖާންވީ ކަޕޫރާއި ކިއާރާ އަދުވާނީއާ ކަމަށެވެ. އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ކިއާރާ އަކީ ކުރިން ވެސް ޝާހިދާ އެކު ވަރަށް ކާމިޔާބު ފިލްމެއް ކުޅެފައިވާ ބަތަލާއެކެވެ. އެއީ 2023 ގެ 'އެނިމަލް' ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ 2019 'ކަބީރް ސިންގް' އެވެ.
ޝާހިދާ އެކު އަދި މިހާތަނަށް ޖާންވީ ފިލްމެއްގައި ބޮޑު ރޯލެއް ކުޅެފައެެއް ނުވެ އެވެ. އެކަމަކު ޝާހިދުގެ 2024 ގެ ފިލްމު 'ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ' ގެ ހާއްސަ ފެނިލުމެއްގައި އޭނަ ހިއްސާވެފައިވެ އެވެ. ދެވަނަ ބައެެއް ވެސް ހަދަން ޕްލޭންކޮށްފައިވާ ކަމަށް ދާދި ފަހުން ރިޕޯޓްކޮށްފައިވާ އެ ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.
ޝާހިދު ލީޑަށް ލައިގެން އަމިތު ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ބަތަލާއަކަށް ކިއާރާ ނުވަތަ ޖާންވީ ގެންނަން ވާހަކަ ދެކެވެމުން އަންނަ އިރު، މި ފިލްމުގެ ބަތަލާގެ ރޯލު ރަޝްމިކާ މަންދަނާ އަށް ހުށަހެޅިކަމުގެ އަޑުތަކެއް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އަރާފައިވެ އެވެ. ރަޝްމިކާ އަކީ އަންނަ މަހުގެ 19 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހިދުގެ އާ ފިލްމު 'ކޮކްޓެއިލް 2' ގެ އެއް ބަތަލާ އެވެ.
ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ އަނެއް ބަތަލާ އަކީ ކްރިތީ އެވެ.
އަމިތުގެ އާ ފިލްމަކީ ދެމަފިރިއެއްގެ ގުޅުން ގޯސްވެ، އޭގެ ސަބަބުން ހިނގާ ކަންތައްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. އަންނަ އަހަރުގެ މެދު ތެރޭގައި ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭން ޕްލޭންކޮށްފައިވާ އިރު، އަމިތަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2018 ގެ 'ބަދާއީ ހޯ' ގެ ޑައިރެކްޓަރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެ، 2024 ގައި ގެނެސްދިން ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ 'މައިދާން' އެވެ.
ޝާހިދާއި ޖާންވީގެ ޖޯޑު ފިލްމަކަށް ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު، ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު، ޖާންވީ ބޮލީވުޑަށް ތައާރަފުވީ ޝާހިދުގެ ކޮއްކޮ އިޝާން ޙައްތަރު ވެސް ތައާރަފުވި ފިލްމުންނެވެ. އެއީ 2018 ގެ ދަޅަކް އެވެ. އެ ފިލްމަށް ފަހު ޖާންވީ އާއި އިޝާންގެ ކުޅުނު ދެވަނަ ފިލްމަކީ މިދިޔަ އަހަރުގެ 'ހޯމްބައުންޑް' އެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި ޑައިރެކްޓަރު ވިޝާލް ބަރަދްވާލްގެ އެކްޝަން ތުރިލާ 'އޯ، ރޯމިއޯ' އެވެ.