Last Updated: June 4, 11:57
Thursday, June 4, 2026
ޚަބަރު

ހުއިފިލަނޑާ އެކްސްޕޯޓްގެ ދަތިތަކާ ގުޅޭ މަޝްވަރާކޮށްފި

ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ނިސްޓްރީގެ އިސް ބޭފުޅުން އެ މަޝްވަރާ ބޭއްވީ ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ބައިވެރިވި އެވެ.

ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހުރި ދަތިތައް ހައްލުކޮށް ލުއި ފަސޭހަ ގޮތްތަކެއް މަގުފަހި ކުރުމަށާއި، ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތައް ހަރުދަނާކަމާ އެކު ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ. އަދި ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކަށާއި އެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ 'ސައިޓީސް ' މުއާހަދާ ތަންފީޒުކުރުމުގައި މަސްވެރިކަމާއި ހުރި ގުޅުން އަދި އަމަލު ކުރެވިދާނެ ހަމަތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.