Last Updated: July 12, 18:50
Sunday, July 12, 2026
ޚަބަރު

މޭޔަރު އާތިފަށް ސަފީރު ދެއްވި ޖަވާބުން ފިލާވަޅެއް!

ޗައިނާ އަކީ މުޅި ދުނިޔެ އަށް ބެލިޔަސް ހުރިހާ ގޮތަކުން ވެސް ނަމޫނާ ގައުމެކެވެ. ބާރަށް ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގުތިސާދު ވެސް މެ އެވެ. ޗައިނާ އަކީ ތަރައްގީގެ ގޮތުން ބަލާ އިރު، ވަރަށް ބާރަށް ހަލުވިކޮށް ކުރިއަރަމުން އަންނަ ގައުމެކެވެ.

މި ގައުމަކީ ރާއްޖެއާ ވެސް މިހާރު އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމެވެ. ޗައިނާ އަކީ ރާއްޖެ އަށް ތަފާތު އެކި ގޮތްގޮތުން އެހީ ވެސް ވަމުން އަންނަ ގައުމެކެވެ.

އެހެންޗެ ޗައިނާ ކުރިއަރަމުން ދިއުމުގެ ސިއްރަކީ ވެސް ދިވެހިން ހަމަ ގައިމު ވެސް އެނގެން ބޭނުންވާނެ ކަމެކެވެ. މި ސިއްރާ ބެހޭ ގޮތުން ކުޅުދުއްފުށީގެ މޭޔަރުގެ ދެވަނަ ދައުރަކަށް އިންތިހާބުވެފައިވާ މުހައްމަދު އާތިފްގެ އޮތް ޝައުގު ވެސް ބޮޑެވެ. އެހެންވެ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ބައްދަލުވެވަޑައިގަތުމުން އާތިފް ވަނީ އެ ސުވާލު ކުރައްވައިފަ އެވެ.

ސަފީރާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ސަފީރާ ބައްދަލުވެ، ކުޅުދުއްފުށީގެ ތަރައްޤީ އާއި، މުޖުތަމައުގެ ކުރިއެރުމަށް ހުރި ފުރުސަތުތަކާއި، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބުމަކީ ލިބިވަޑައިގަތް ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

އެ ބައްދަލުވުވުމުގައި ސަފީރަށް މޭޔަރު ދޫކޮށްލެެއްވި އެންމެ މުހިއްމު ސުވާލަކީ މިއެވެ؛ ޗައިނާ މިއަދު މި ދެކޭ ތަރައްޤީގެ ސިއްރަކީ ކޮބައިތޯ އެވެ.

އާތިފަށް ސަފީރު ދެއްވި ޖަވާބަކީ މިއެވެ؛ ކައިރި އާއި ދުރަށް ޕްލޭން ކުރުމެވެ. ކެތްތެރިކަމާ އެކު ގަދައަޅާ މަސައްކަތް ކުރުމެވެ. މިއަދު ހޯދުމަށް އިއްޔެ ޤުބާނީތަކެއްވުމެވެ. އިންސާނާގެ ވިސްނުން ތަރައްޤީ ކުރުމަށް އިސްކަން ދިނުމެވެ. ތަހުޒީބު ސަހަރުތަކަށް މީހުން ޖަމާކުރުމުގެ ބަދަލުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ތަހުޒީބާ ތަރައްޤީ ގެންދިއުމަށް ރޭވި ރޭވުމެވެ.

ޔަގީންވާ ކަމަކީ ސަފީރުގެ އެ ބަސްކޮޅަކީ ފެންނަން އޮތް އަދި ފެންނަމުން އަންނަ ހަގީގަތްކަމެވެ. އެހެންވެ މިއީ ރާއްޖެ ވެސް ތަރައްގީގެ މަގުގައި ކުރިއަށްދާ އިރު، މިހާރަށް ވުރެ ވޮޑަށް ވިސްނާލުން ވަރަށް މުހިއްމު މެސެޖަކަށް ވެސް ވާނެ އެވެ.