Last Updated: July 11, 13:18
Saturday, July 11, 2026
މުނިފޫހިފިލުވުން

'ލަގާން' ގެ ޑައިރެކްޓަރާ އެކު އާމިރުގެ ފިލްމެއް

ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ލަގާން' ގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކައާ އެކު އޭނަ އަލުން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެ ދެ މީހުންގެ އާ ފިލްމު އަދި އޮތީ ސްކްރިޕްޓިން މަރުހަލާފައި ކަމަށެވެ. އަދި މިއީ އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޑް ލާލާ އަމާނަތު އަށް ބިނާކޮށް ހަދަން ނިންމާފައިވާ ޕީރިއަޑްސް ސްޕޯޓްސް ޑްރާމާއެއް ކަމަށް ބުންޏެވެ. އެހެންވެ އާ ފިލްމުގައި ދައްކުވައި ދޭނީ 1940 ގެ ދުވަސްވަރެވެ.

ޕިންލްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރުގައި ފަށަން އޮތީ ޕްލޭންކޮށްފައި ކަމަށެވެ.

އާމިރާ އެކު އަޝުތޯޝް 2001 ގައި ގެނެސްދިން 'ލަގާން' އަކީ ވެސް ޕީރިއަޑް ސްޕޯޓްސް ފިލްމެކެވެ. މިއީ އިނގިރޭސިންގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރު ނަގަމުން ދިޔަ ޓެކްސް މައާފުކޮށް ދޭން އިނގިރޭސިންނަށް މަޖުބޫރުވި ހާދިސާތަކެއް ދައްކުވައި ދިން ފިލްމެކެވެ.

އެގޮތުން ޓެކްސް ކަނޑާލަން މަޖުބޫރު ވަނީ އިނގިރޭސިންނާ ދެކޮޅަށް ރަށްފުށުގެ ބަޔަކު ކުޅޭ ކްރިކެޓް މުބާރާތަކުން މޮޅުވުމާ ގުޅިގެންނެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު 'ލަގާން' އަކީ 2002 ގެ އޮސްކާ އެވޯޑްސް އަށް ފޮނުވައިގެން އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީ އަށް ނޮމިނޭޓް ވެސް ފިލްމެކެވެ. އަދި މި ފިލްމަކީ 1957 ގެ 'މަދާ އިންޑިއާ' އަށް ފަހު އޮސްކާގެ ބޭރު ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވި ހަމައެކަނި އިންޑިއާގެ ފިލްމު ވެސް މެ އެވެ.

ލަގާން' އަށް 25 އަހަރު ފަހުން އާމިރާ އެކު އަޝުތޯޝް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި އަރުޖުން ކަޕޫރާއި ކްރިތީ ސެނަންގެ އިތުރުން ސަންޖޭ ދަތާ އެކު ގެނެސްދިން ތާރީހީ ހަނގުރާމަ ފިލްމު 'ޕާނިޕަތު' އެވެ.

އަޝުތޯޝްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ 'ސުވަދޭސް' އާއި ރިތިކް ރޯޝަނާއި އައިޝްވާރިއާ ރާއީގެ 'ޖޯދާ އަކްބަރު' ހިމެނެ އެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ސިތާރޭ ޒަމީން ޕަރް' އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި '3 އިޑިއަޓްސް' ގެ ސީކްއެލް އާއި އޭގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދަން ނިންމާފައިވާ ދާދާސާހެބް ޕާލްކޭގެ ބައޯޕިކްގެ އިތުރުން ވިޔަފާވެރިޔާ އަޝްނީރް ގްރޯގެ ބައޯޕިކް ހިމެނެ އެވެ.