Last Updated: May 16, 18:07
Thursday, May 16, 2024
ރިޕޯޓް

ވަރިހަމަ ވެގެން ތިއްބާ ކޮންމެ ރައްޔިތަކަށް ވެސް ބޭއިންސާފު ތަޙައްމަލު ކުރަން ޖެހިދާނެ!

މީގެ 10 އަހަރު ކުރިއަށް ޖެހިލާއިރު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ދޯހަޅި ވާހަކަ ދައްކަމުން ދިޔައީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު ވަނީ ބޭއިންސާފު ތަޙައްމަލް ކުރަން ޖެހިފައިވެއެވެ.

ނަމަވެސް އޭރު ބޭއިންސާފާއި ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކޮށް ވާހަކަ ދައްކަމުން ދިޔައީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނެވެ. ސަރުކާރުންނާއި ރައްޔިތުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތް ނުވާ ގިނަ ބަޔަކު ޤަބޫލުކުރަމުން ދަޔައީ އެއީ އެމްޑީޕީގެ ފަރާތުން ވެރިކަމުގެ ދަހިވެތިކަމުގައި ދައްކަމުން ދިޔަ ވާހަކަ ތަކެއް ކަމަށެވެ.

ނަމަވެސް މިއަދު ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންތައް ތަކަށް ނަޒަރު ހިންގާލުމުން އެދުވަހު އެމްޑީޕީގެ މެންބަރުން ގިނިކަންޏާއި ނިކުމެ ވަކާލާތު ކުރަމުން ދިޔައީ، ހަޤީޤަތުގައި ވެސް ޝަރުޢީ ނިޒާމުގައި މައްސަލަތަކެއް ހުރެގެން ކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ޤަބޫލުކުރެވޭނެއެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބައެއް ލޯބި ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގި އާދަޔާ ޚިލާފު ޝަރީޢަތަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ފެންވަރު ވަރަށް ރަގަޅަށް ހާމަވެގެން ދިޔަ ޝަރީޢަތެކެވެ. 'ހަވާ ފަޓާސް ބަރިއެއް' ހެން ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ނަޝީދުގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައި ނުވާއިރު، ދައުވާ އިން ދިފާޢުވުމަށް އެއްވެސް ފުރުސަތެއް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ނަޝީދުގެ ޝަރީޢަތަށް ފަހު ވެސް އެއްބަޔަކު އަނެއްކާވެސް ދައްކަން ފެށި ވާހަކައަކީ، އެއީ އެމްޑީޕީ އިން ވެރިކަން ނުލިބިގެން ދައްކާ ވާހަކަ ކަމަށެވެ.

އެހެން ނަމަވެސް ކުރީގެ ޑިފެންސް މިނިސްޓަރގެ މައްޗަށް ކުރި ބޭއިންސާފު ޝަރީޢަތާއި އެކު، ދިވެހިރާއްޖޭގެ ގިނަ ބަޔަކަށް ރާއްޖޭގެ ފަނޑިޔާރުގެ ތަކުގައި ތިބި ބައެއް ފަނޑިޔާރުންގެ ހަގީގީ ސޫރަ ފެނިގެންދިޔައެވެ. ޖިނާޢީ ދައުވާތައް ސާބިތުކުރުމަށް އޮންނަ މިންގަނޑަކީ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވުން ކަމަށް ވިޔަސް، ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް ކޮށްފައި ވަނީ، " ކުށެއް ނެތްކަން ނާޒިމަށް ސާބިތުކޮށް ނުދެވޭ ކަމަށް" ބުނެއެވެ.

ޝަރުޢީ ނިޒާމުގެ ބޭއިންސާފުގެ ކުރިމަތީގައި ސިޔާސީ ބައެއް ލީޑަރުން ފަހަތަށް ޖެހިވަޑައިގެންނެވި ނަމަވެސް، ބޭއިންސާފަށް ނޫނެކޭ ވިދާޅުވުމަށް ކެރިވަޑައިގެން ނިކުންނެވި ހިތްވަރުގަދަ ލީޑަރަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ބޭއިންސާފުން އެއްވެސް މީހަކަށް އަދަބެއް ދިނުމާއި ދެކޮޅު ހައްދަވައި ނިކުންނެވުމުގެ ނަތީޖާއަކަށްވީ އިމްރާން ވެސް ޖަލުގައި ބަންދުކުރެވުމެވެ. އެމަނިކުފާނު ޖަލަށް ލެވިފައިވަނީ، ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ކޮރަޕްޓް ފަނޑިޔާރު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ އަބްދުލް ބާރީ ޔޫސުފް އަށް އިމްރާން ކުށްވެރިވާ ކަމަށް "ޤަބޫލުކުރެވޭތީ" ކަމަށް އިމްރާންގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ 3 ލީޑަރަކަށް ބޭއިންސާފުން އިއްވި ހުކުމްތަކާއި އެކު ދިވެހިރާއްޖޭގެ ރައްޔިތުން ބޭއިންސާފާއި ދެކޮޅަށް އަޑުއުފުލުން މިވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް "ވަރިހަމަ" ވެގެން ތިބި ގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ތިބުމަކީ، ބޭއިންސާފު ޝަރީޢަތްތައް ކުރިއަށް ގެންދާ ފަނޑިޔާރުންނަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ޙާލަތަށް ބަލާއިރު، ވެރިކަމުގައި ތިބި ފަރާތްތަކަށް ވުރެ މާ ބާރުގަދަ ފަރާތެއްވާކަން ދަނެ އަނިޔާވެރިކަމާއި ބޭއިންސާފާއި ދެކޮޅު ހެދުމަކީ، ދިވެހި ޤައުމުގެ މުސްތަޤްބަލަށް ޓަކައި ދިވެހި ކޮންމެ ރައްޔިތަކު ވެސް ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ.

ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި ތިބެއްޖެ ނަމަ މިއަދު ކާނަލް ނާޒިމް، ރައީސް ނަޝީދު އަދި ޝެއިޚް އިމްރާން އަބްދުﷲގެ އާއިލާތަކުން އެކުރާ ހިތާމަ މާދަމާ ކުރަން ނުޖެހޭނެ ކަމުގެ ޔަޤީންކަން އޮތީ ކޮން ރައްޔިތަކަށް ތޯއެވެ!

ދިވެހި ކޮންމެ ރައްޔިތަކު ވެސް މިއަދު ކޮށްލަން ޖެހޭ ސުވާލަކީ، ބޭއިންސާފުގެ ރަހަ ތިމާގެ އަރުތެރޭގައި ނުލަނީސް، އެކަމާއި ދެކޮޅު ނަހަދައި ހުންނާނީ ތޯއެވެ ؟