މި އަހަރު ވެސް ފަލަސްތީނުގެ ޣައްޒާ އާއި ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ދިރިއުޅޭ ނިކަމެތި މުސްލިމުންނަށް އުޟްޙިޔާ ބަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވާލައިފި އެވެ.
އެ ޖަމިއްޔާ އިން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ޖަމިއްޔާ މެދުވެރިކޮށް އުޟްޙިޔާ ކަތިލެވޭނެ ކަމަށެވެ. މިއަހަރު އުޟްޙިޔާ ފޯރުކޮށް ދޭނީ ފަލަސްޠީނާއި ސޫދާނާއި ރޮހިންގްޔާގެ ރައްޔިތުންނަށެވެ.
އައިއޭސީން ބުނީ ފަލަސްޠީނުގެ ޣައްޒާގައި ބަހާނީ ދަޅުގައި ބަންދުކޮށްފައިވާ އުޟްޙިޔާ އެވެ. ފާއިތުވި ދެތިން އަހަރު ވެސް ޣައްޒާގައި ބެހީ އެ ގޮތަށެވެ.
މީގެ އިތުރުން މިސްރުގައި ގެރި، ބަކަރި، ކަންބަޅި އަދި ޖަމަލު ކަތިލައި، ސޫދާން ރެފިއުޖީންނާއި ފަލަސްޠީން ރެފިއުޖީންނާއި މިސްރުގެ ނިކަމެތީންނަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށް އައިއޭސީން ބުންޏެވެ. އަދި ރޮހިންގޔާ ކޭމްޕްގައި ދިރިއުޅޭ ނިކަމެތީންނަށް ވެސް އުޟްޙިޔާ ބެހުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
މިކަމާ ބެހޭ އިތުރު މަޢުލޫމާތު 9122121 އިން ލިބޭނެ އެވެ.