Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

އަންހެނުންނާއި ކުޑަކުދިންގެ މަޤާމާއި ޙައްޤުތައް

އިސްލާމް ދީނަކީ އިންސާނީ ކަރާމާތާއި، ޢަދުލުވެރިކަމާއި، އޯގާތެރިކަމުގެ ދީނެވެ. މި މަތިވެރި ދީން ދުނިޔެއަށް ފާޅުވުމުގެ ކުރިން، ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނާއި ކުޑަކުދިންނަކީ އެއްވެސް ޙައްޤެއް އޮތް ބައެއް ނޫނެވެ. ނަމަވެސް، އިސްލާމް ދީން ވަނީ މި ދެ ބައިމީހުންނަށް މުޖުތަމަޢުގައި އެންމެ މަތިވެރި ދަރަޖަ ދީ، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ.

އިސްލާމް ދީނުގައި އަންހެނުންނާއި ކުޑަކުދިންގެ ދަރަޖަ:

އިސްލާމް ދީނުގައި އަންހެނުންނަކީ ފިރިހެނުންނާ އެއްވަރުގެ ދަރަޖައެއް ދެވިފައިވާ ބައެކެވެ. އިންސާނިއްޔަތުގެ ގޮތުންނާއި، އަޅުކަން ކުރުމުގަ އާއި، ޘަވާބު ހޯދުމުގައި ދެޖިންސުގެ މެދުގައި އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެފަދައިން، ކުޑަކުދިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އެކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ.

ކީރިތި ޤުރްއާނުގެ އަލީގައި:

ކީރިތި ޤުރްއާނުގައި އަންހެނުންގެ ޙައްޤުތަކާއި ބެހޭގޮތުން ވަކި ސޫރަތެއް (ސޫރަތުއްނިސާ) ބާވައިލައްވާފައިވުމީ އަންހެނުންނަށް ދީފައިވާ މަތިވެރި ޤަދަރެއްގެ ހެކިބަހެކެވެ. މާތް ވަނީ އަންހެނުންނަށް މ میراث (ވާރުތަ މުދާ) ލިބުމުގެ ޙައްޤާއި، އަމިއްލަ މިލްކިއްޔާތުގެ ޙައްޤު ކަށަވަރުކޮށް ދެއްވާފަ އެވެ. ކުޑަކުދިންނާ ބެހޭ ގޮތުން މާތް ވަނީ އެކުދިން މެރުން ނަހީކުރައްވައި، އެކުދިންނަށް އޯގާތެރިވުމަށް އަމުރު ކުރައްވާފަ އެވެ.

ސުންނަތާއި ރަސޫލާގެ ބަސްފުޅުތައް:

ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅަކީ އަންހެނުންނާއި ކުޑަކުދިންނަށް އޯގާތެރިވުމުގެ އެންމެ ރީތި ނަމޫނާއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުވެރިންނަށް (އަނބިދަރިންނަށް) އެންމެ ހެޔޮ މީހާއެވެ." އަދި އަންހެން ދަރިން ބަލާ ބޮޑުކުރުމުގެ މަތިވެރިކަން ބަޔާންކުރައްވައި ޙަދީޘްކުރެއްވީ، އެކަން ކުރާ މީހަކަށް ސުވަރުގެ ލިބޭނެ ކަމަށެވެ.

ކުޑަކުދިންނަށް އޯގާތެރި ނުވާ މީހަކީ އިސްލާމީ އުންމަތުގެ ތެރެއިންވާ މީހެއް ނޫން ކަމަށް ވެސް ރަސޫލާ صلى الله عليه وسلم ވަނީ ބަޔާން ކުރައްވާފަ އެވެ.

ޢިލްމުވެރިންގެ ބަސްފުޅުތައް:

އިސްލާމީ މުފައްކިރުންނާއި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ބިންގަލަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަންހެނުންނަކީ ދަރިން ތަރުބިއްޔަތުކުރާ މަދަރުސާ އެވެ.
ޢިލްމުވެރިން އިރުޝާދު ދެއްވަނީ އަންހެނުންނަށް ޢިލްމު އުނގަންނައިދީ، އެ މީހުންގެ ޢިއްޒަތާއި އަބުރު ރައްކާތެރި ކުރުމަށެވެ. އަދި ކުޑަކުދިންނަށް އިސްލާމީ ރީތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެއްކަމަށް އެބޭފުޅުން ބަޔާން ކުރައްވަ އެވެ.

މުޖުތަމަޢާއި ކަން އޮންނަ ގޮތް:

ހިތާމަ އަކީ، ބައެއް މުޖުތަމަޢުތަކުގައި ސަޤާފީ ބައެއް އާދަކާދަތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންނަށް އިސްލާމްދީން ދީފައިވާ ޙައްޤުތަކަށް އުނިކަން އަންނަ ތަން ފެނުމެވެ. ނަމަވެސް، އިސްލާމްދީނުގެ އަޞްލު އުޞޫލަކީ އަންހެނުންނަށް އިޙްތިރާމް ކުރުމާއި، ކުޑަކުދިންނަށް ރަޙުމްކުރުމެވެ.

ދީނީ ގޮތުން ބަލާއިރު، އަންހެނަކަށް ދެވޭ އަނިޔާއަކީ ނުވަތަ ކުޑަކުއްޖަކަށް ކުރެވޭ ބޭއިންސާފަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.

ނިންމުން:

އިސްލާމް ދީނުގައި އަންހެނުންނާއި ކުޑަކުދިންނަށް ދީފައިވަނީ ވަރަށް މަތިވެރި، ޝަރަފުވެރި މަޤާމެކެވެ. މުޖުތަމަޢުގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި ދެ ބައިމީހުންނަށް އިސްލާމްދީން ދީފައިވާ ޙައްޤުތައް ފުރިހަމައަށް އަދާކުރުމުގެ މައްޗަށެވެ. އެހެންކަމުން، ކީރިތި ޤުރްއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައިވާ ފަދައިން، އަންހެނުންނަށް އިޙްތިރާމްކޮށް، ކުޑަކުދިންނަށް އޯގާތެރިވުމީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ އަދި އަޚްލާޤީ ވާޖިބެކެވެ

އިސްލާމް ދީނުގައި އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ވެސް އަންހެނުންނާއި ކުޑަކުދިންގެ ދުވަހަކެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.