Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ދަނޑުވެރިކަމުގެ ފެކަލްޓީގެ ޑީންއަކަށް ޝަބާއު

މިދިޔަ އަހަރު އުފެއްދި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އެގްރިކަލްޗަ އެންޑް ފުޑްސައިންސަސްގެ ޑީންގެ މަޤާމަށް އިބްރާހިމް ޝަބާއު އައްޔަންކޮށްފި އެވެ.

އޭނަ އަކީ ދަނޑުވެރިކަމުގެ ދާއިރާ އިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެވެ. ޝަބާއު މާސްޓާސް ޑިގްރީ ހެއްދެވީ 2007 ގައި އޮސްޓްރޭލިއާގެ މެލްބަން ޔުނިވަސިޓީންނެވެ.

އެގްރިކަލްޗަ ޓްރޭނީއެއްގެ ވަޒީފާއިން ދަނޑުވެރިކަމުގެ މަސއްކަތަށް ނުކުންނެވި ޝަބާއު، އެގްރިކަލްޗަ މިނިސްޓްރީގެ ސީނިއަ އެގްރިކަލްޗަ އޮފިސަރުކަމާއި ޑިރެކްޓަރުކަމާއި ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްކަމާއި ޑައިރެކްޓަރ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.

އޭނަ އެންމެ ފަހުން މަސައްކަތް ކުރެއްވީ ރާއްޖެ އާއި ސްރީލަންކާގައި ކުރިއަށް ގެންދިޔަ ޔޫއެސްއެއިޑްގެ ކުލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ގަވަނަންސް ސްޕެޝަލިސްޓެއްގެ ގޮތުގަ އެވެ.

ދަނޑުވެރިކަމާ ބެހޭ ފެކަލްޓީގެ ޑީންގެ މަޤާމާ ހަވާލުވުމަށް ފަހު ޝަބާއު ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، އީޖާދީ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.

އެމްއެންޔޫގައި މިހާރު އެޑްވާންސްޑް ސެޓްފިކެޓް ޕްރޮގްރާމްތަކާއި، ޑިޕްލޮމާ އިން އެގްރިކަލްޗާ އަދި ބެޗްލަރ އޮފް ފުޑް ސައިންސް ވެސް ހިންގަމުން އަންނަ އިރު، އާ ފެކަލްޓީގެ ސަބަބުން މި ދާއިރާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެ ތަނުން ބުންޏެވެ.

ފެކަލްޓީ އޮފް އެގްރިކަލްޗަ އެންޑް ފުޑް ސައިންސަސް އުފެއްދުމަކީ، މަތީ ތަޢުލީމާއި، ދިރާސާތަކާއި، ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްއެންޔޫ އިން ބުނެ އެވެ.

އެ ފެކަލްޓީގެ މައި މަރުކަޒު ޤާއިމް ކުރަނީ އއ. ތޮއްޑޫގަ އެވެ.

މި ސަރުކާރުން ވަނީ އެމްއެންޔޫއާ ގުޅިގެން މަސްވެރިކަމުގެ ދާއިރާ އަށް ވެސް ފެކަލްޓީއެއް އުފައްދައިފަ އެވެ. އެތަނުން އަންނަނީ އެ ދާއިރާ އިން ތަފާތު ކޯސްތައް 2024 އިން ފެށިގެން ހިންގަމުންނެވެ.