ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ފާއިތުވި ދެ އަހަރު ލިބިފައިވަނީ ބޮޑު ކާމިޔާބީއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިހެން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށް ނިމުމާ ގުޅިގެންނެވެ.
އިހުސާން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ މުހިންމު ޤައުމީ މަސްއޫލިއްޔަތު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހޯމް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށާއި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ހޯމް ޓީމާއި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ވަނީ ނުގުޑާފަދަ އަޒުމަކާއެކު މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހުއްޓުމެއްނެތް ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
އެގޮތުން 'އޮޕަރޭޝަން ކުރަނގި' ގައި ބައިވެރިވާ ހުރިހާ ފަރުދުންނަށާއި މުއައްސަސާތަކަށް އިހުސާން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އިހުސާން ވަނީ ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް މި ޤައުމީ ބޮޑު މައްސަލައަށް، މި އޮޕަރޭޝަންގެ ފުރަތަމަ ދެ އަހަރު ތެރޭގައި ލިބިފައިވާ ބޮޑު ކުރިއެރުމާއި ކާމިޔާބީއަށްޓަކައި ރައީސް މުޢިއްޒަށް ވެސް މަރުޙަބާ ދަންނަވާފަ އެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ އަހަރުގެ މެއި 2 ގަ އެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.