އެކުވެރި ގައުމުތަކުން ދޭ އެހީތައް ސަރުކާރުން އިސްރާފު ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑެއްގެ މުއްދަތު ވަރަށް އަވަހަށް ހަމަވާއިރު، އެ ފައިސާ ދެއްކޭނެ ގާބިލުކަން ރާއްޖޭގެ ރިޒާވްގައި ނެތް ކަމަށެވެ.
"އަޅުގަނޑު ލަފާކުރަނީ މިއަންނަ ހަފުތާގައި ކަންނޭނގެ ނުވަތަ ވަރަށް އަވަހަށް އެބައޮތް 50 މިލިއަން ޑޮލަރުގެ ބޮންޑެއް، އިންޑިއާ ސަރުކާރުގެ ބޮންޑެއް. ދެން އެ ބޮންޑު މެޗުއަރިޓީއަށް އެބައާދޭ މިއަންނަ މަހު ދައްކަން ޖެހޭނީ، މިއަންނަ ހަފުތާ ނުވަތަ މިއަންނަ މަހު. އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންގެ ރިޒާވްސް ހުރި ކަމަކަށް އެ ދެއްކޭކަށް. އަޅުގަނޑުމެން އަތަކު ނެތް. އެނގިލައްވާނެ ވަރަށް ބޮޑަށް ބޭރު ފައިސާއަށް ޑޮލަރަށް ދަތިވެފައި މިހާރު މިވަނީ" ނަޝީދު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ބޭފުޅުންނާއި ވާހަކަދެއްކެވި ނަމަވެސް ސަރުކާރުން ފައިސާ އިސްރާފު ކުރަމުންދާތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ސަރުކާރު މިދަނީ ވަރަށް ބޮޑަށް ފައިސާ އިސްރާފު ކުރަމުން. ދެން އެހެންވީމާ އެކުވެރި ދައުލަތްތަކުން ދޭ އެހީތެރިކަން އެގޮތަށް އިސްރާފު ކުރަމުން ދިޔާމާ އެބޭފުޅުން ވެސް ދޭއިރުގައި އެކަންކަމާ ގުޅޭގޮތުން އެއްޗެތި ހިތަށް ވަންނާނެ. ދެން އަޅުގަނޑު އުއްމީދު ކުރަން ރާއްޖެއިން އިންޑިއާ ސަރުކާރަށް ޕްރޮގްރާމެއް ހުށަހަޅައިގެން، ވަކި ޕްރޮގްރާމެއްގެ ތެރެއިން ކަންތައްތައް ދާގޮތަށް މިކަން ކުރިއަށް ގެންދެވޭނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.