Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

އިޙްރާމްގެ ކުރިން ޙައްޖުވެރިޔާ ކުރަންވީ ކަންކަން

އިޙްރާމް ހެދުން ލުމުގެ ކުރިން ނިޔަފަތި ކަނޑައި ، މަތިމަސް ކުރުކުރުމާއި، ކިހިލިފަތްދަށުގައިވާ އިސްތަށި އުފުރައި، ކުރިމަތި ފަރާތުގައިވާ އިސްތަށި ބާލައި، ހިނައިގަނެ، ގައިގައި މީރުވަސްދުވާ އެއްޗެއް ބޭނުން ކުރުން މުސްތަޙައްބު ވެގެންވެ އެވެ.

ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމްގެ ޙަދީޘް ފުޅެއްގައިވެއެވެ.

عَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: “كُنْتُ أُطَيِّبُ رَسُولَ اَللَّهِ ‏- صلى الله عليه وسلم ‏-لِإِحْرَامِهِ قَبْلَ أَنْ يُحْرِمَ, وَلِحِلِّهِ قَبْلَ أَنْ يَطُوفَ بِالْبَيْتِ” (‏‏(‏متفق عليه‏)‏‏)‏. (1)

މާނަ: ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމް، އިޙުރާމް ބަނެވަޑައިގަތުމުގެ ކުރިން ތިމަންކަމަނާ އެކަލޭގެފާނުގެ ހަށިކޮޅުގައި އަތަރު ލެއްވީމެވެ. އަދި (ފުރަތަމަ) ތަޙައްލުލަށް ފަހު އެކަލޭގެފާނު ޠަވާފު (އަލް އިފާޟާ) ކުރެއްވުމުގެ ކުރިންވެސް އެކަލޭޣެފާނުގެ ހަށިކޮޅުގައި އަތަރު ލެއްވީމެވެ.”

އަދިވެސް ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ އެހެން ޙަދީޘެއްގައިވެ އެވެ.

عن أبي هريرة رضي الله عنه، عن النبي صلى الله عليه وسلم قال‏:‏ ‏”‏الفطرة خمس، أو خمس من الفطرة‏:‏ الختان، والاستحداد، وتقليم الأظفار، ونتف الإبط، وقص الشارب‏”‏ ‏(‏‏(‏متفق عليه‏)‏‏)‏.(2)

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. “ފިޠުރަތުގައި ވާ ފަސްކަމެއް ވެއެވެ: ޚިތާނު ކުރުން، ކުރިމަތިފަރާތުގައިވާ އިސްތަށި ބޭލުން، ނިޔަފަތި ކެނޑުން، ކިހިލީގެ އިސްތަށި އުފުރުން އަދި މަތިމަސް ކުރުކުރުމެވެ.” އަދިވެސް އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ

ޙަދީޘެއްގައިވެ އެވެ.

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه، قَالَ قَالَ أَنَسٌ “وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً ‏.‏‏”‏(3)

މާނަ: އަނަސް އިބްނު މާލިކް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ސާޅީސް ދުވަހަށްވުރެ ގިނަ ވުމުގެ ކުރިން، މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލީގެ އިސްތަށި އުފުރުމާއި، ކުރިމަތި ފަރާތުގެ އިސްތަށި ބޭލުން އަހަރެމެންނަށް ވަނީ ވަޤުތު ކަނޑައެޅުއްވިފައެވެ.”

ޛިކުރުކުރެވުނު ޙަދީޘްތަކުގެ އަލީގައި، އިޙުރާމް ބަނުމުގެ ކުރިން މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލީގެ އިސްތަށި އުފުރުމާއި، ކުރިމަތި ފަރާތުގެ އިސްތަށި ބޭލުން މުސްތަޙައްބު ވަނީ، އިޙުރާމް ބަނުމާއެކު އެކަންތައްތައް ޙަރާމް ވާތީއެވެ. ފިޠުރަތުގެ ތެރޭގައިވާ މިކަންތައްތަކަކީ ސާފުތާހިރު ކަމުގެ ބާބުގައިވެސް ކޮންމެހެން ކުރުން މުހިންމު ކަންތައްތަކަށް ވާއިރު، ޙައްޖުގެ މާތް އަޅުކަމުގެ ތެރޭގައި، މިފަދަ ކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ނަމަވެސް ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމް ބަނުމުގެ ކުރިން ބޯބޭލުން ނުވަތަ ކޮށުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. މާނައަކީ އިޙްރާމް ބަނުމުގެ ކުރިން ބޯކޮށަން ޖެހޭނެ ކަމަށް ދެކިގެން ބޯކޮށުމަކީ އިލްމާމީ ޝަރީޢަތުގައި ޝަރުޢުވެފައިވާ ކަމެއް ނޫނެވެ.

އަދި ތުނބުޅިއާ ބެހޭ ގޮތުން ދަންނައެވެ. ޙައްޖަށް ނުވަތަ ޢުމްރާ އަށް އިޙްރާމް ބަނުމުގެ ކުރިން ނުވަތަ ޙައްޖަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ އެހެން ވަޤުތަކުވެސް ތުނބުޅި ބޭލުން ހުއްދައެއް ނޫނެވެ. ތުނބުޅި ކޮށުމާމެދު ޢިލްމުވެރިންގެ މެދުގައި ރަޢުޔު ތަފާތުވެފައި ވީ ނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ތުނބުޅި ނުކޮށައި ދޫކޮށްލުމެވެ. ތުނބުޅި އަކީ ފިރިހެނާ އަށް މާތް ދެއްވި ޒީނަތެކެވެ. އަދި ފިރިހެނާގެ މާތްކަން ހާމަކޮށްދޭ ޝިޢާރެކެވެ. އަދި ފިރިހެނާގެ ފިރިހެންވަންތަކަން ފާޅުކޮށްދޭ ނިޝާނެކެވެ. ފަހެ ތުނބުޅި ބެހެއްޓުމަކީ ވާޖިބުވެގެންވާ ކަމެކެވެ.

ތުނބުޅި ބޭލުމަކީ ޙަރާމްކަމެކެވެ. މިކަމާބެހޭ ގޮތުން رسول الله صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ޙަދީޘްފުޅުތަކުގައިވަނީ އަމުރުގެ ލަފްޒެވެ. އަމުރުގެ ލަފްޒު ދަލީލުކުރާނީ ވާޖިބުކަމަށެވެ. އެއީ ވާޖިބުކަމުން މުސްތަޙައްބުކަމަށް ބަދަލުކުރާނެ އެހެން ދަލީލެއް އަތުވެއްޖައުމަށްދާންދެނެވެ. އަދި މިކަމުގައި އެފަދަ އެއްވެސް ދަލީލެއް އައިސްފައެއްނެތެވެ.

ފަހެ މާތް ރުއްސުންލެއްވި އިބުނު ޢުމަރުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެ އެވެ.

عَنِ ابْنِ عُمَرَ، رضي الله عنهما، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ وَأَوْفُوا اللِّحَى ‏”‏.‏(4)

މާނަ :ޢަބްދުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބުޅިތައް ދޫކޮށްލާށެވެ.”

މަސްދަރު: އިލްމު.އެމްވީ