ސިއްހީ ގޮތުން ދިމާވި މައްސަލައަކާ ގުޅިގެން ހޭނެތިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާތީ ޖަޕާންގެ ޕްރިފެކްޗާއެއްގެ މޭޔަރު މަގާމުން ވަކިކުރަން ވޯޓަކުން ފާސްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ގޮތަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ހޭނެތިފައި އޮންނެވީ ހަކިރޯގާޓާ ޕްރިފެކްޗާގެ މޭޔަރު ކިކޫއޯ ހަޓަކަޔޭމާ، 72، އެވެ. އޭނަ އެ އެތަގެ މޭޔަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ 2008 އިން ފެށިގެންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޭޔަރު ހޭނެތުނީ ސިކުނޑީގެ ލޭ ހޮޅިތަކެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ. އެހެންވެ ފެބްރުއަރީ މަހުން ފެށިގެން އޭނަ އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އަދި ސިއްހީ ހާލު ދެރަވި ފަހުން ހެއެއް ނާރަ އެވެ.
މިކަމާ ގުޅިގެން މޭޔަރު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތަށް ބުރޫ އަރާފައިވާތީ ކިކޫއޯ، މޭޔަރުގެ މަގާމުން ވަކިކުރަން ފާސްކުރީ ޓައުން އެސެމްބްލީގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. މިއާ އެކު މި މަހުގެ 19 އިން ފެށިގެން އޭނަގެ މަގާމުން ވަކިވާނެ އެވެ.
އަދި އެ ތާރީހުން ފެށިގެން 50 ދުވަހުގެ ތެރޭގައި އާ މޭޔަރަކު އިންތިހާބު ކުރަން ޖެހެ އެވެ.
މޭޔަރުގެ މައްޗަށް ނެގި ވޯޓާ ގުޅޭ ގޮތުން ޓައުން އެސެބްލީން ބުނީ މިއީ އުނދަގޫ ނިންމުމަކަށް ވިޔަސް މިއީ އިދާރީ ހިންގުން ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ނަގަން މަޖުބޫރުވި ވޯޓެއް ކަމަށެވެ.