ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 1344 މީހަކު ބަލާފާސްކޮށް އޭގެތެރެއިން 254 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިއަދު ހަވީރު 4:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް މާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަނުން ފުޅާ ދާއިރާއެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، މިއީ އެއްފަހަރާ މިހާ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 86.2 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އެއީ 219 މީހުންނެވެ. އަދި ބާކި ތިބި 13.8 އިންސައްތަ މީހުންނަކީ އަންހެންނުންނެވެ. އެއީ 35 މީހުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފެށީ މިދިޔަ އަހަރުގެ މެއި 2 ގަ އެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.