Last Updated: July 11, 12:07
Saturday, July 11, 2026
ކުޅިވަރު

ސިޓީން އާސެނަލްގެ ފަހަތުގައި ވިއްދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑުގެ މައްޗަށް 3-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްގެ ފަހަތުގައި ވިއްދައިފި އެވެ.

މި މޮޅާއެކު މިވަގުތު ސިޓީ ދެވަނައިގައި އޮތީ 35 މެޗުން 74 ޕޮއިންޓާއެކުގަ އެވެ. އެއްވަނައިގައި އާސެނަލް އޮތީ 35 މެޗުން 76 ޕޮއިންޓާއެކުގަ އެވެ. ކޮންމެ ޓީމަކަށްވެސް ތިން މެޗު ބާކީ އޮތް އިރު، ސިޓީއަށް ކުރިއަށް އެރެން އޮތީ އާސެނަލުން ގޯހެއް ހަދައިގެން އެކަންޏެވެ. ލީގުގައި އާސެނަލުން މިރޭ ވެސްޓްހަމް ޔުނައިޓެޑާއި ދެކޮޅަށް ނިކުންނާނެ އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި މެޗުގެ 60 ވަނަ މިނެޓްގައި ޖެރެމީ ޑޮކޫ ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ ބްރެންޓްފޯޑުގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން މެޗުގެ 75 ވަނަ މިނެޓުގައި އާލިން ހާލަންޑް ޖަހައިދިން ގޯލާއެކު ސިޓީއަށް ހަމަޖެހިލަން ފުރުސަތު ލިބުނު އިރު، އެންމެ ފަހު ގޯލު ހާލަންޑް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް މަރްމޫޝް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލިވަޕޫލް އާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ބޯންމަތް އިން 1-0 އިން ފުލަމް ބަލިކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގާތަށް ޖެހިލިއިރު، ބްރައިޓަން އިން ވަނީ 3-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.