ސްރީ ލަންކާގެ ބޭއްވި "ރީޖަނަލް ޑަޔަލޮގް އޮން ސްމަގްލިންގް އޮފް މައިގްރަންޓްސް" ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން މި މަހުގެ 7 އިން 8 އަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވީ އިންސްޕެކްޓަ އޮފް ޕޮލިސް ޝުޢައިބް ޢަބްދުއްރަޙްމާނެވެ.
މި ބައްދަލުވުމަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުން ނުވަތަ ސްމަގްލްކުރުން ހުއްޓުވުމަށް ބޭއްވި މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.
އެގޮތުން ބައްދަލުވުމުގައި ގާނޫނީ އަދި އޮޕަރޭޝަނަލް ދާއިރާއިން މަސައްކަތްތައް ހަރުދަނާކޮށް، ސަރަހައްދީ ފެންވަރެއްގައި މިފަދަ ކަންކަން ހުއްޓުވުމަށް އެންމެން އެއްބަސްވާ އުސޫލުތަކެއް ކަނޑައެޅުމަށް މަޝްވަރާތައްކޮށްފައިވެ އެވެ. މީގެ އިތުރުން، ރާވައިގެން ބޯޑަރު ހުރަސްކޮށް ހިންގާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ވެސް ބައްދަލުވުމުގައި އަލިއަޅުވައިލި އެވެ.

ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގެ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އިދާރީ އަދި އޮޕަރޭޝަނަލް ނިޒާމު ހަރުދަ ނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ބޭރުގެ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތެއް ކަމަށް ވެސް ފުލުހުންގެ މުއައްސަސާ އިން ބުނެ އެވެ.