Last Updated: July 11, 06:01
Saturday, July 11, 2026
ދުނިޔެ

ހަންޓަވައިރަސްގެ ނުރައްކާ އޮތީ ކިހާ ވަރަކަށް؟

​ދާދި ފަހުން ދެކުނު އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދާ ކްރޫޒް ޝިޕެއްގައި "ހަންޓަވައިރަސް" (Hantavirus) ކިޔާ ވައިރަހެއްގެ ރޯގާއެއް ފެތުރި، ބައެއް މީހުން މަރުވުމާ ގުޅިގެން ދުނިޔޭގެ ސަމާލުކަން މި ބައްޔަށް ވަނީ ހުއްޓިފަ އެވެ.

ހަންޓަވައިރަސް އަކީ ކޮބާ؟

​ހަންޓަވައިރަސް އަކީ 1990 ގެ އަހަރުތަކުގައި ފުރަތަމަ ފާހަގަ ކުރެވުނު ވައިރަސް ޢާއިލާއެކެވެ. މި ވައިރަސް ފެތުރެނީ މީދަލުގެ ނުވަތަ "ރޯޑަންޓް" ޢާއިލާގެ ޖަނަވާރު ތަކުގެ ނަޖިހުންނެވެ. ރޯޑަންޓް ޢާއިލާގައި ހިމެނެނީ މީދަލާއި ހިކަނދީގެ އިތުރުން ސްކިއުރަލް، ހެމްސްޓާ، ގިނީ ޕިގް، ބީވާ، ޕޯކިއުޕައިން އަދި ކެޕިބާރާ ފަދަ ޖަނަވާރުތަކެވެ. ބުޅަލާއި މުސަޅު ފަދަ ތަކެތި މީގެ ތެރޭގައި ނުހިމެނެއެވެ.

މިހާރު ފެނިގެން މިއުޅޭ ހަންޓަވައިރަހުގެ ވައްތަރެއް ކަމުގައިވާ އެންޑީޒް ވައިރަހުގެ ޚާއްޞަ ސިފައަކީ، މިއީ އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮތް ވައިރަހަކަށް ވުމެވެ.

​ބަލި ފެތުރުނު ގޮތާއި ބަލި ފެނުނު ބޯޓާ މެދު ކަންތައް ހިނގާ ގޮތް:

"އެމްވީ ހޮންޑިއަސް" ނަމަކަށް ކިޔޭ ​ކުޑަވަރެއްގެ ލަގްޒަރީ ފަސިންޖަރު ލައިނަރު ދަތުރު ފެށީ އެޕްރީލް 1 ވަނަ ދުވަހު އާރޖެންޓީނާގެ ރަށަކުންނެވެ. ​މި ދަތުރަކީ އެކަހެރި ސަރަޙައްދު ތަކުގެ ގުދުރަތީ ރީތި ކަމާއި އެ ސަރަޙައްދު ތަކުގައި އުޅޭ ޖަނަވާރު ތަކާއި ދޫނިތައް ބަލަން ދިޔަ އެކްސްޕެޑިޝަން ދަތުރެކެވެ. ހަންޓަވައިރަސް މި ބޯޓުގެ މީހުންގެ ގަޔަށް އެރި ކަމުގައި ބެލެވެނީ އާރޖެންޓީނާގެ ޖަންގަލީ ސަރަޙައްދަށް ފައިބައިގެން އުޅުނު ފަސިންޖަރުންގެ މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ބަލިޖެހިފައިވާ މީދަލެއްގެ ނަޖިހުން ވައިރަސް ގޮސްގެނެވެ.

ދެކުނު އެޓްލާންޓިކް ކަނޑުގައި ދަތުރު ކުރަމުން ދިޔަ މި ބޯޓުން ފުރަތަމަ މީހާ ބަލިވީ 6 އެޕްރީލް ގައެވެ. 11 އެޕްރީލް ވީ ދުވަހު އޭނާ ނިޔާ ވިއެވެ. އެއީ ނެދަރލޭންޑްސްގެ މީހެކެވެ. ބެލެވުނީ އެއީ އާދައިގެ ރޯގާ އެއް ކަމުގައެވެ. 24 އެޕްރީލް ވީދުވަހު ދެކުނު އެޓްލާންޓިކް ކަނޑުގެ މެދެއްހައި ހިސާބުގައި އޮންނަ ސެއިންޓް ހެލެނާ ޖަޒީރާގައި މަޑުކޮށް 30 ފަސިންޖަރުންނާއި ނިޔާ ވެފައިވާ މީހާގެ ހަށިގަނޑު ބޯޓުން ބޭލި އެވެ.

ނިޔާވެފައިވާ ފިރިމީހާގެ ހަށިގަނޑާއިއެކު ފޭބި އޭނާގެ އަނބި މީހާ އޭގެ ދެދުވަސް ފަހުން ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި ނިޔާވިއެވެ.

މެއި 2 ވަނަ ދުވަހު 3 ވަނަ މީހާ ބޯޓުގައި ނިޔާވި އެވެ. އެއީ ޖަރުމަން ވިލާތުގެ މީހެކެވެ. ފެތުރިގެން އުޅެނީ ނުރައްކާތެރި ހަންޓަވައިރަސް ކަން ޓެސްޓް ތަކުން އެނގުނީ 6 މޭ ގައެވެ. ބޯޓުގައި ބަލީގެ ނުރައްކާތެރިކަން ބޮޑުވީ، ބޯޓުގެ ޑޮކްޓަރަށްވެސް ބަލިޖެހި، ޙާލު ދެރަވުމާ ގުޅިގެންނެވެ. މި ދަނޑިވަޅުގައި ބޯޓުގައި ފަތުރުވެރިއެއްގެ ގޮތުގައި ހުރި އެހެން ޑޮކްޓަރަކު ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމާއި ބޯޓުގެ ސިއްޙީ ކަންކަން ބެލެހެއްޓުމާއި ޙަވާލުވެފައެވެ.

މި ޑރ. ރޮބަޓް އެންޑަސަން އަކީ އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ، "އިމަޖެންސީ މެޑިސިން" ގެ ދާއިރާއިން ތަޖުރިބާކާރު ޑޮކްޓަރެކެވެ. މި ހިތްވަރުގަދަ ޑޮކްޓަރު ދިޔައީ ބޯޓުގެ އެންމެންގެ ޙާލު ބަލައި، ފަރުވާ ދެމުންނެވެ. އަދި ދުނިޔޭގެ ޚަބަރު ފަތުރާ ވަޞީލަތަށާއި ސިއްޙީ އިދާރާ ތަކަށް ބޯޓާއި ބަލީގެ މަޢުލޫމާތު ދެމުންނެވެ.

މެއި 6 ވަނަ ދުވަހު، ކޭޕްވާޑުން ހަތަރު ސިއްޙީ މާހިރުން ބޯޓަށް އެރިއެވެ. އެއީ ނެދަރލޭންޑްސްގެ ޚާއްޞަ ދެ ޑޮކްޓަރުންނާއި ބޯޓުގައި ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ފޮނުވި އިޓަލީ އާއި ނެދަލޭންޑްސްގެ ދެ އެޕިޑެމިއޮލޮޖިސްޓުންނެވެ.​
​ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (WHO) އިން މިހާރު ނިންމާފައިވަނީ 147 މީހުން ތިބި މި ބޯޓު ކެނެރީ އައިލެންޑްސް އާއި ކައިރިކޮށް ކަރަންޓީނުކޮށް، ބަލި މީހުން ޚާއްސަ އައިސޮލޭޝަން ޔުނިޓްތަކަށް ބަދަލުކުރުމަށެވެ.

އެމެރިކާގެ ސީޑީސީ އާއި އެހެނިހެން ބައިނަލްއަގުވާމީ އިދާރާތަކުން ދަނީ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ކުރިން ފޭބި އެންމެންނާއި ދިމާވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގް ހަދަމުންނެވެ. އެކި ގައުމު ތަކުން މިވަގުތު ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 6 މީހުންނެވެ.

މެއި 8 ގެ ނިޔަލަށް، އެކި ސަރަޙައްދުތަކުގައި ކަރަންޓީނު ކުރެވި ނުވަތަ ފަރުވާ ދެމުންދާ ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ ކެނެޑާ، ޑެންމާކް، ޖަރުމަނުވިލާތް، ނެދަލޭންޑްސް، ތުރުކީ، ސިންގަޕޫރު، ދެކުނު އެފްރިކާ، ސްޕެއިން، ސުވިޒަލޭންޑް، ޓްރިސްޓަން ޑާ ކޫނިއާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ ރައްޔިތުންނެވެ.

މިވަގުތު ބޯޓް ދަތުރު ކުރަމުން ދަނީ ކެނެރީ އައިލެންޑްސްއާ ދިމާލަށެވެ.

​ބަލީގެ ނުރައްކަލާއި ޢަލާމާތްތައް

​މި ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. ހިސާބު ތަކުން ދައްކާގޮތުގައި މިބަލި ޖެހޭ މީހަކު މަރުވުމުގެ ފުރުސަތު %40 އާއި %60 އާ ދެމެދު އޮވެއެވެ.

ބަލީގެ ކުރީކޮޅު ފެންނަ ޢަލާމާތްތަކަކީ އާދައިގެ ރޯގާގައި ވެސް ފެންނަފަދަ ކަންތަކެވެ. އޭގެ ތެރޭގައި ​ހުން އައުން، ​ހީކެރުވުން، ​ގައިގައި ރިއްސުން ފަދަ ކަންތައް ހިމެނެއެވެ.

​ބަލި ޖެހިފައިވާ މީހާގެ ބަލި ކޮންޓްރޯލު ނުވެ ކުރިޔަށް ދާނަމަ ވަރަށް އަވަހަށް ނޭވާލާ ނިޒާމަށް މައްސަލަ ދިމާވެ ފުރާނަ އަށް ނުރައްކާވެއެވެ. ބަލީގެ އެންމެ އުނދަގޫ އެއް ކަމަކީ އޭގެ "އިންކިއުބޭޝަން ޕީރިއަޑް" ނުވަތަ ބަލި ޖެހުމަށްފަހު ބަލީގެ ޢަލާމާތްތައް ފެންނަން 6 ހަފުތާ ނަގާތީއެވެ. މިއީ ބަލި ކޮންޓްރޯލް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މި ބައްޔަށް މިހާތަނަށް ވަކި ޚާއްޞަ ބޭހެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ދެވެނީ ބަލީގެ ޢަލާމާތްތަކަށް ދެވޭ "ސަޕޯޓިވް ކެއަ" އެކެވެ. އެއީ ނޭވާލާން އުނދަގޫވާ މީހުން ވެންޓިލޭޓަރަށް ލުންފަދަ ކަންކަމެވެ.

​ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ޢާންމު މީހުނަށް މި ބަލި ޖެހުމުގެ ނުރައްކާ އެހާ ބޮޑެއް ނޫނެވެ. މި ބަލި ފެތުރެނީ އިންތިހާއަށް ގާތްކޮށް އުޅޭ މީހުންގެ މެދުގައެވެ. މިސާލަކަށް އެއް އެނދެއްގައި ނިދާ ދެމަފިރިން، އެތައް ގަޑިއިރެއްގެ ފްލައިޓެއްގައި ބަލިޖެހިފައިވާ މީހަކާއި ޖެހިގެން އިންނަ ގޮނޑީގައި އިންނަ މީހާ ފަދަ ގިނަ ވަގުތު ކައިރީގައި ތިބޭ މީހުންނެވެ. މިއީ ޢާންމު ރޯގާ ނުވަތަ ކޮވިޑް ފަދައިން ވައިގެ ތެރޭގައި އެހާ ފަސޭހައިން ދައުރުވެ ފެތުރިގެންދާ ބައްޔެއް ނޫނެވެ.

​މިއީ ކޮވިޑް ފަދަ ޢާލަމީ ވަބާ ނުވަތަ ޕެންޑެމިކަކަށްވުމުގެ ފުރުޞަތު:

​ސިއްޙީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި މި ބަލި ކޮވިޑް-19 ފަދައިން މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑައެވެ.
​ކޮވިޑަކީ ވައިގެ ތެރޭގައި ވަރަށް ފަސޭހައިން ފެތުރޭ ބައްޔަކަށް ވިޔަސް، ހެންޓާ ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެނީ އިންތިހާއަށް ގާތްކޮށް (Close Contact) ގިނަ ވަގުތު އުޅުމުންނެވެ.

މި ވައިރަހަކީ ކޮވިޑް ވައިރަހާއި ޚިލާފަށް ވަރަށް ލަހުން މިއުޓޭޓްވާ (ބަދަލުވާ) ވައިރަހެކެވެ. އެހެންކަމުން ބަލި ފެތުރޭ ގޮތަށް ކުއްލި ބަދަލުތަކެއް އައުމުގެ ފުރުސަތު ކުޑައެވެ. މީގެ ކުރިންވެސް މިވައިރަހުގެ މިފަދަ އައުޓްބްރޭކްތައް އައިސްފައިވާ އިރު، އެކަށީގެންވާ ފިޔަވަޅު އަޅައިގެން ބަލި ކޮންޓްރޯލް ކުރެވިފައިވެ އެވެ.

ވީމާ، އިރާދަކުރެއްވިއްޔާ، ބޮޑު ވަބާއެއްގެ ގޮތުގައި މިބަލި ފެތުރުމުގެ ފުރުޞަތު އަދި ވަރަށް ކުޑަ އެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.