Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ލޯތްބަކީ ކުދިންނަށް ދީނާއި ދުނިޔެ ދަސްކޮށް ދިނުން

ކުޑަކުދިންނަށް ހަގީގީ ލޯބި ދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައި ދިނުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް އަރިސް ވެސް ކުރައްވައިފަ އެވެ.

ރައީއް ވިދާޅުވީ ކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާ ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމަށެވެ. އަދި، ކުޑަކުދިންނަށް ހަޤީޤީ ލޯބި ދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައި ދިނުން ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލުކަން ކުޑަކުދިންނަށް ހޯދައި ދިނުމާއި އެއްވެސް ކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށް ވެސް ޖާގަ ނުދިނުމަކީ އެކުދިންނަށް ޙަޤީޤީ ލޯބި ދިނުން ކަމަށެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މެއި 10 އެވެ.