އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ޖޯސެފް ވިޖޭ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމުގެ ހުވާ މިއަދު ކޮށްފި އެވެ.
އޭނަ ހުވާކުރަން ހެނދުނު ބޭއްވި ރަސްމިއްޔާތު އޮތީ ޗެންނާއީގެ ޖަވާހަރުލާލު ނެހްރޫ ސްޓޭޑިއަމްގަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކުލަގަދަ ރަސްމިއްޔާތުގައި ވިޖޭ އަށް ޗީފް މިނިސްޓަރުކަމުގެ ހުވާލައި ދެއްވީ ޓަމިލް ނާޑޫ ސްޓޭޓްގެ ގަވަރުނަރު ރަޖެންދުރަ ވިޝްވަނާތެވެ.
ވިޖޭއާ އެކު އޭނަގެ ސަރުކާރުގެ 9 މިނިސްޓަރަކު ވެސް ވަނީ މަގާމުގެ ހުވާކޮށްފަ އެވެ.
VIDEO | Chennai: Governor Rajendra Vishwanath Arlekar administers the oath of office to C Joseph Vijay, as the Chief Minister of Tamil Nadu.
Source: Third Party
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/hIz9atU86B
— Press Trust of India (@PTI_News) May 10, 2026
ވިޖޭ ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ބައިވެރިވެވަޑައިގަތެވެ. ކޮންގްރެސް އަކީ ވިޖޭގެ ސަރުކާރުގައި ކޯލިޝަން ބައިވެރިއެެއްގެ ގޮތުގައި ގުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީއެކެވެ.
ފިލްމު ކުޅެގެން އާންމުންގެ ލޯތްބާއި ތާއީދު ވަރަށް ބޮޑަށް ހޯދާފައިވާ ވިޖޭ، 51، އަކީ ޓަމިލް ނާޑޫ ސްޓޭޓްގެ 9 ވަނަ ޗީފް މިނިސްޓަރެވެ. އޭނަ އެ ސްޓޭޓްގެ ސްޓޭޓް އެސެމްބްލީ އިންތިހާބު ކާމިޔާބުކުރީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގަ އެވެ.
އެ އިންތިހާބުގައި ވިޖޭގެ ޕާޓީ ޓަމިލަގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) އިން ވަނީ ސްޓޭޓް އެސެމްބްލީގެ 234 ގޮނޑީގެ ތެރެއިން 108 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އެ ޕާޓީ އަކީ ފެބްރުއަރީ 2، 2024 ގައި ވުޖޫދަށް ގެނައި ޕާޓީއެކެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މިއަދު ޓަމިލް ނާޑީ ސްޓޭޓްގެ ސަރުކާރާ ހަވާލުވަޑައިގަތް އިރު، އޭނަގެ ވަދާއީ ފިލްމުގެ ގޮތުގައި ގެނެސްދޭން ހަމަޖެހިފައި ވަނީ ދާދި ފަހުން އޮންލައިންކޮށް ލީކްވި ޕޮލިޓިކަލް އެކްޝަން ތުރިލާ 'ޖާނާ ނަޔަގަން' އެވެ. ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އިންނެވެ.
ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމު އެންމެ ފަހުން އަދާކުރެއްވީ ޑީއެމްކޭ ޕާޓީގެ އެމްކޭ ސްޓާލިން އެވެ.
ވިޖޭގެ ކުރިން ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ކުރިން ވެސް ފިލްމީ ތަރިންތަކެއް އަދާކުރި އެވެ. އެއީ ފަސް ދައުރަކަށް އެ މަގާމު ފުރުއްވި މަރުވެފައިވާ ކުރީގެ ބަތަލާ ޖަޔަލަލީތާގެ އިތުރުން އެކްޓަރު އެމްޖީ ރާމަޗަންދަރަން އާއި ބަތަލާ ވީއެން ޖަނާކީ އެވެ.