މި އަހަރު ވެސް ދިވެހި ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ އިސް ބޭފުޅެއް ކަމަށްވާ އޮޕަރޭޝަންސް މެނޭޖަ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ރާއްޖެ ވަޑައިގަތީ ރޭގަ އެވެ. އަދި މިއަދު މައްކާ ރޫޓޫ އިނީޝިއޭޓިވްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅަކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޙައްޖުވެރިންގެ ދަތުރު ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ސަޢުދީން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ އަލަށް ހިމެނީ މިދިޔަ އަހަރު އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީ އަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. އެއްކަން އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެ އެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަ ކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެ އެވެ.
ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް މައްކާ ރޫޓް ޚިދުމަތް ފޯރުކޮށް ދިނުމަކީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި މެދު އޮތް ގުޅުން ފާހަގަކޮށްލެވޭ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ދިވެހި ހައްޖާޖީން ފުރަން ފަށާނީ މި މަހުގެ 15 ގަ އެވެ. އެގޮތުން ހަތަރު ގްރޫޕަކަށް ހާޖީން ފުރަން އޮތީ ތާވަލުކޮށްފަ އެވެ.
ރާއްޖެ އަށް މި އަހަރު ވެސް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.