އައްޑޫ ހިތަދޫ ޝަރަފުއްދީން ސުކޫލްގެ ދަރިވަރުންތަކަކަށް ހާއްސަކޮށްގެން ފަސްޓް އެއިޑާއި ޓްރޯމާ ކެއާ ސެޝަނެއް ފުލުހުން ކުރިއަށް ކުރިއަށް ގެންގޮސްފި އެވެ.
އެ ސެޝަން ހާއްސަކުރީ އެ ސްކޫލްގެ ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށާއި ސްކޫލުގެ ސްކައުޓް ދަރިވަރުންނަށެވެ.

ހިތަދޫ ޕޮލިހުން އިއްޔެ ކުރިއަށް ގެންދިޔަ ސެޝަނަކީ ކުއްލި ޙާލަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގައި އިސްލާމީ އަދަބުތަކާއި އިންސާނީ ކަރާމާތަށް އިސްކަންދީގެން، މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަސާސީ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށް ދިނުމުގެ މަޤްޞަދުގައި ބޭއްވި ސެޝަނެކެވެ.
އެ ސެޝަނުގައި މައިގަނޑު ގޮތެއްގައި ކިޔައި ދީފައި ވަނީ ސީޕީއާރް ދޭން ޖެހޭ ޙާލަތްތަކާއި، ރަނގަޅު ގޮތުގައި ސީޕީއާރް ދޭނެ ގޮތެވެ މައްޗަށެވެ. މީގެ އިތުރުން ހަށިގަނޑުން ލޭ އަންނަ ޙާލަތްތަކުގައި ޢަމަލު ކުރާނެ ގޮތާއި، ކަށި ބިންދައިގެންދާ ޙާލަތްތަކުގައި ދޭނެ ފުރަތަމަ އެހީގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ފޯރުކޮށް ދީފައިވެ އެވެ.
މި ތަމްރީނުގެ ތެރެއިން، ލޭ މަނާކުރުމަށް ބޭނުންކުރާ ޓޮނިކޭ ބޭނުން ކުރާނެ ގޮތާއި، މީހަކު ކޮށްޖެހި ނޭވާ ހާސްވާ ޙާލަތްތަކުގައި އަދި ހޭނެތޭ ޙާލަތްތަކުގައި ކަން ކުރަން ޖެހޭ ގޮތްތައް އަމަލީ ގޮތުން ދަސްކޮށް ދީފައިވެ އެވެ. އަދި ނުރައްކާތެރި އެކްސިޑެންޓްތަކާއި ފުން ޒަޚަމްތައް ލިބޭ ޙާލަތްތަކުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ވެސް ސެޝަނުގައި އަލިއަޅުވައިލި އެވެ.

އެ ސެޝަން ނިމުމުން، ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ.