Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބަަނޑޭރިކޮށީގައި ސިފައިންނާއި ފުލުހުންނަށް ހައުސިން ޕްރޮޖެކްޓެއް ފަށަނީ

ސިފައިންގެ އާއިލާތައް މިހާރު ދިރިއުޅެމުން އަންނަ މާލޭގެ ބަނޑޭރިކޮށި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް، އެ ތަނުގައި ސިފައިންނާއި ފުލުހުންނަށް ހާއްސަ ހައުސިން ޕްރޮޖެކްޓެއް ހިންގަން ނިންމައިފި އެވެ.

މިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފަށާނެ އެވެ.

ރައީސް ވިދާޅުވީ ބަނޑޭރިކޮށި ސަރަހައްދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ތަރައްގީއެއް ނައިސް، އަޅާނުލެވި އޮތް ތަނެއް ކަމަށެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ތަން ތަރައްގީ ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން އެދެވޭ ބަދަލެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ މި ސަރުކާރުން އެކަން ބަދަލުކުރަން ނިންމާފައިވާ ކަމަށާއި، މިހާރު ވެސް ހައުސިން މިނިސްޓްރީއާ ގުޅިގެން އެ މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ތަނަކީ މި ސާވިސްގައި، ދެ މީހުން ހުރިހާ ހިނދަކު ކަނޑައެޅިފައި އޮންނަ ވަކި އުސޫލަކުން މިހާރު ވެސް ބޯހިޔާވަހިކަން ދިން ލިބޭ ތަނަކަށް ވާއިރުގައި، ތަނުގެ ބޭނުން ހިފޭ ސިފައިންނާއި ޢާއިލާތައް މަދު. އަދި ފެންވަރުގައި މި ހުރިހާ ގޮތަކުން ވެސް ހުރީ ރަނގަޅަކަށް ނޫން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ހަމައެކަނި ސިފައިންނަށް ހާއްސަ މަޝްރޫއެއް ނޫން ކަމަށާއި، ފުލުހުންނާއި އެ މުއައްސަސާތަކުގެ އާއިލާތަކަށް ވެސް އޭގެ ނަފާ ލިބޭނެ ކަމަށެވެ.

"މުޅި ބަނޑޭރިކޮށި ސަރަޙައްދު އެކީގައި، ޒަމާނީ ހައުސިންގ ޕްރޮޖެކްޓެއް ހިންގައި، އެތަނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުންމީދުކުރަނީ، މިހާރު ކުރެވޭ މަސައްކަތް، ޢަމަލީ ސްޓޭޖަކަށް މި އަހަރުގެ ތެރޭގައި ގެންދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ. "ނޫނީ އެންމެ ލަސްވެގެން ހަމަ މި އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދާއިރަށް، ކުރިއަށް އޮތް އަށެއްކަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ، ޢަމަލީ ގޮތުން އެ ސަރަޙައްދުގައި ބޮޑު ހައުސިންގ ޕްރޮޖެކްޓެއް ފެށުން،"

ރައީސް ވިދާޅުވީ މަޝްރޫއު ފަށާ އިރު، އެ ތަނުގައި ދިރިއުޅޭ އާއިލާތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލީ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށާއި، އަމާޒަކީ ސިފައިންނާއި ފުލުހުންނަށް ޝަރަފުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ ތަނަވަސް ބޯހިޔާވަހި ކަމެއް ގާއިމުކޮށް ދިނުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.