ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި ގޮންޖެހުންތަކެއްގެ ސަބަބުން ރައްޔިތުން ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ޚާއްޞަކޮށް ކޮރަޕްޝަނާއި، ރިޝްވަތާއި، އަދި ނިޒާމީ ގޮތުން ކަންކަން ހަމަޖެހިފައިވާ އުޞޫލުތަކަށް ބަލާ އިރު، މިއީ މިއަދު ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ރާއްޖޭގެ މިސްރާބު ހެޔޮމަގަށް އެޅުވުމަށްޓަކައި މިއަދު މިވަނީ ބޮޑު ބަދަލަކަށް އިންތިހާއަށް ބޭނުންވެފަ އެވެ.
ގިނަ ފަހަރަށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ރައްޔިތުން ފައިސާ ނުވަތަ "ކަޓު" ދޭ ވާހަކައަކީ ދެކެވޭ އާންމު ވާހަކައެކެވެ. ނަމަވެސް، މީގެ ޙަޤީޤަތަށް ބަލާއިރު، ގިނަ ފަހަރަށް ރައްޔިތުން އެކަން ކުރަނީ އަމިއްލަ އެދުމެއްގައި ނުވަތަ މީހަކަށް ރިޝްވަތު ދިނުމުގެ ނިޔަތަކު ނޫނެވެ. އެއީ ތިމާގެ ޙައްޤެއް ހޯދުމަށް ނުވަތަ ޒަރޫރީ ބޭނުމެއް ފުއްދުމަށްޓަކައި ދައްކަން މަޖުބޫރުވާ "ޖިޒީއެއް" ފަދަ އެއްޗެކެވެ. މިފަދަ ޙާލަތެއް މެދުވެރިވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަންކަން ކުރުމުގެ މަގު ބަންދުވެ، އާންމު އުޞޫލުން ކަންކަން ނުވުމުގެ ސަބަބުންނެވެ.
ހިތާމައަކީ، ޤާނޫނާއި ޤަވާއިދުތަކުން ބައެއް ކަންކަން މަނާކޮށްފައި އޮންނަ އިރު، ވަކި މީހަކަށް ފައިސާ ނުވަތަ މަންފާއެއް ފޯރުކޮށްދިނުމުން އެކަމެއް ހުއްދަވެގެންދާ ދިއުމެވެ. މިފަދަ ނިޒާމެއްގެ ތެރޭގައި އުޅެންޖެހުމުން، ޤާނޫނަށް ބޯލަނބައިގެން އުޅޭނީ ކާކުތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. ޚުދު ޝަރުޢީ ނިޒާމުގެ ތެރެއިން ވެސް ބައެއް ފަހަރު ޤާނޫނީ އުޞޫލުތަކަށް ފުރަގަސްދީ، ވަކި ފަރާތްތަކެއްގެ މަޞްލަޙަތަށް ކަންކަން ނިމިގެންދާ ތަން ފެނުމަކީ ނިޒާމަށް އޮންނަ އިތުބާރު ގެއްލޭ ކަމެކެވެ.
މި ނިޒާމު އިޞްލާޙު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސިޔާސީ މީހުންގެ ސުލޫކާއި، އަޚްލާޤާއި، އަދި އިންޓެގްރިޓީ ރަނގަޅު ކުރުމެވެ. ސިޔާސީ މަޤާމުތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ފުރުޞަތެއްގެ ގޮތުގައި ދެކި، އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަންޖެހެއެވެ. ސިސްޓަމް ރަނގަޅުވެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިނގަން ފެށުމުން، ނޫސްވެރިން ސިޔާސީ މީހުންނަށް ކުރާ ތުހުމަތުތައް މަދުވެ، ރައްޔިތުންގެ ލޯތްބާއި އިތުބާރު އެބޭފުޅުންނަށް ލިބިގެންދާނެއެވެ.
ރާއްޖެއަށް މިއަދު ބޭނުން ވަނީ ހަމައެކަނި ޢިމާރާތްތަކާއި މަގުތަކުގެ ތަރައްޤީއެއް ނޫނެވެ. ބޭނުންވަނީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ، އިންޞާފުވެރި ހެޔޮ ވެރިކަމެއް ޤާއިމުކުރުމެވެ. މި ބޮޑު ބަދަލު ގެނެސްގެން މެނުވީ، ރައްޔިތުން އެދޭ ފަދަ އުފާވެރި އަދި އަމާން މުޖުތަމަޢެއް ބިނާނު ކުރެވޭނެ އެވެ. މިއީ މިއަދު އަޅުގަނޑުމެން އެންމެން އެކުގައި ކުރަންޖެހިފައިވާ ޤައުމީ މަސައްކަތެކެވެ.