Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

ކުޑަކުދިންގެ މަޤާމާއި ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން

އިސްލާމް ދީނަކީ އިންސާނާގެ ޙަޔާތުގެ ހުރިހާ މަރުޙަލާއަކަށް ފުރިހަމައަށް އަލިއަޅުވައިލައިފައިވާ މަތިވެރި ދީނެކެވެ. މިގޮތުން ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލު ކަމުގައިވާތީ، އެކުދިންނަށް އިސްލާމްދީން ދީފައިވަނީ ވަރަށް މަތިވެރި ޤަދަރަކާއި އަހައްމިއްޔަތެކެވެ. ކުޑަކުދިންނަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އަދި އެއީ މައިންބަފައިންނާ ޙަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ.

ކީރިތި ޤުރްއާނުގައި ކުޑަކުދިން ސިފަކުރައްވާފައި ވަނީ ދުނިޔޭގެ ޙަޔާތުގެ ޒީނަތްތެރިކަން ކަމުގައެވެ. ކަހަފް ސޫރަތުގެ 46 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. (الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا) މާނައީ: "މުދަލާއި، ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ." ހަމައެހެންމެ، ދަރިންނަކީ މައިންބަފައިންނަށް ދެއްވާ ފިތުނައެއް ނުވަތަ އިމްތިޙާނެއް ކަމުގައިވެސް މާތް ބަޔާންކުރައްވާފައިވެއެވެ. މީގެ މާނައަކީ އެކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އަދާކުރާ މަސްއޫލިއްޔަތާ މެދު އާޚިރަތް ދުވަހުން ސުވާލުވެވޭނެ ކަމެވެ.

ލޮބުވެތި ރަސޫލާ صلى الله عليه وسلم އަކީ ކުޑަކުދިންނަށް އޯގާތެރިވުމާއި އެކުދިންނަށް އިޙްތިރާމް ކުރުމުގެ އެންމެ މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނު ނަމާދުފުޅުގައި ހުންނަވާއިރު ކުޑަކުދިންގެ ރުއިމުގެ އަޑު އިވިވަޑައިގެންފިނަމަ، އެކުދިންގެ މައިންބަފައިންނަށް އުނދަގޫވެދާނެތީ ނަމާދު ކުރުކުރައްވައެވެ. އަދި ކުޑަކުދިންނާ ސަލާމްކުރައްވައި، އެކުދިންނާއެކު ސަމާސާ ކުރައްވައި އުޅުއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. "ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހެއް ނޫނެވެ." މިއިން އެނގެނީ ކުދިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަކީ ދީނީގޮތުން ލާޒިމުކަމެއް ކަމެވެ.

އިސްލާމީ ޢިލްމުވެރިން ކުޑަކުދިން ތަރުބިއްޔަތު ކުރުމުގެ މައްޗަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވެއެވެ. الإمام ابن القيم رحمه الله ވިދާޅުވެފައި ވަނީ، ގިނަ ކުދިން މަގުއޮޅިގެން ދަނީ އެކުދިންގެ މައިންބަފައިން އެކުދިންނަށް ދޭންޖެހޭ ދީނީ ތަރުބިއްޔަތު ނުދިނުމުގެ ސަބަބުން ކަމަށެވެ. އަދި ކުޑައިރު ކުއްޖާގެ ހިތުގައި ބިންވަޅުނަގައިދެވޭ އީމާންކަމުގެ އޮށަކީ، ބޮޑުވާއިރު އެކުއްޖާގެ މުޅި ދިރިއުޅުން ބައްޓަންކޮށްދޭނެ އެއްޗެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.

ކުޑަކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ހަމައެކަނި ކާންބޯންދީ އަންނައުނު ހޯދައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެކުދިންގެ ހިތްތަކުގައި މާތް އަށް އޮންނަ ލޯތްބާއި ބިރުވެތިކަން އަށަގެންނެވުމަކީ ތަރުބިއްޔަތުގެ އެންމެ މުހިންމު އަސާސެވެ. ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ކުއްޖަކީ މައިންބަފައިން މަރުވުމަށް ފަހު އެމީހުންނަށްޓަކައި ހެޔޮދުޢާކުރާނެ "ޞާލިޙު ދަރިއެއް" ކަމުގައި ވެގެންދާނެ އެވެ. މިއީ މައިންބަފައިންނަށް އާޚިރަތުގައި ލިބޭނެ އެންމެ ބޮޑު ނަސީބެވެ.

ނިންމުން

ކުޑަކުދިންނަކީ މާދަމާގެ ޤައުމާއި އުންމަތުގެ ބިނާކުރަނިވި ބާރެވެ. އެ ކުދިން އިސްލާމީ ރަނގަޅު ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމަކީ ކޮންމެ މައިބަފައެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައިވާ ގޮތުގެމަތިން، ލޯތްބާއި އޯގާތެރިކަމާއެކު ދަރިން ބޮޑުކޮށްފިނަމަ، އެކުދިން ވެގެން ދާނީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާ ބަޔަކަށެވެ. އަޅުގަނޑުމެންގެ ދަރިންނަކީ އިސްލާމީ މަތިވެރި އަޚްލާޤުގެ މަތީގައި ތިބޭ ބަޔަކު ކަމުގައި މާތް ލައްވާށިއެވެ. އާމީން.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.