ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަކީ ރައްޔިތުންގެ އަޑު އިއްވާނެ އުންމީދީ ކެންޑިޑޭޓެއް ކަމަށާއި އެހެންވެ އޭނަ އަށް ދާއިރާގެ ރައްޔިތުން ވޯޓް ދޭން އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން އެދިވަޑައިގެންފި އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސޮޑާ އަކީ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައި، ރައްޔިތުން ތަމްސީލު ކުރުމުގެ ފުރިހަމަ ގާބިލުކަން ހުރި އުންމީދީ ކެންޑިޑޭޓެއް ކަމަށެވެ. އަދި އޭނަ އަކީ ސަރުކާރުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު، އައްޑޫ ސިޓީ އަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި، ޚިދުމަތްތައް ފުޅާކުރުމަށާއި، ވިޔަފާރި އާއި އިގްތިސާދީ އާ ފުރުސަތުތައް ފަހިކޮށް ދިނުމަށް ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ހުޅުވިގެން ދާނެ މައި ދޮރުއަށްޓެއް ކަމަށް ވެސް ސިނާނު ވިދާޅުވި އެވެ
"ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފަހުރުވެރި ޝަރަފު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، އައްޑޫ ސިޓީ އާއި މުޅި ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް އަޅުގަނޑު މި ވާހަކަ ތިބޭފުޅުންނާ ހިއްސާކޮށްލުމަކީ ކޮންމެން މުހިއްމު ކަމެއް ގޮތުގައި ދެކޭތީ ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުން ދަންނަވާލީ." އޭނަ ވިދާޅުވި އެވެ.
ސިނާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ލީޑަޝިޕްގެ ދަށުން، އައްޑޫ ސިޓީ އަށް މެދުކެނޑުމެއް ނެތި ތަރައްގީއަށާއި ރައްޔިތުންގެ އުޖާލާ މުސްތަގުބަލަށްޓަކައި، އުތުރު ދާއިރާއަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ސޮޑާ ކަމަށެވެ.

"[އެހެންވެ] ކެންޑިޑޭޓް ނަންބަރު 1 އަށް ވޯޓު އަޅާ އިންތިހާބުކޮށް ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." އޭނަ ވިދާޅުވި އެވެ.
އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 6 ގަ އެވެ. މި ބައި-އިލެކްޝަންގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
ހިތަދޫ މޫލެޑެ ދާއިރާގެ ކައުންސިލަރަކަށް މިހާރު ހުންނެވި ސޮޑާ އަކީ ޕީއެންސީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ސިނާނާ ވާދަކުރައްވައި ނާކާމިޔާބުވި ބޭފުޅާ އެވެ. އެކަމަކު ފަހުން ޕީއެންސީން ވަނީ ސިނާނުގެ ޓިކެޓް ސޮޑާ އަށް ދީފަ އެވެ.
އޭނަ އަކީ މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މޫލެކެޑެ ދާއިރާގެ ކައުންސިލަރުކަމުގެ ދެވަނަ ދައުރަކަށް ވެސް ވާދަކުރައްވައި ނާކާމިޔާބު ބޭފުޅެކެވެ.