Last Updated: July 11, 13:18
Saturday, July 11, 2026
މުނިފޫހިފިލުވުން

"ދުރަންދަރު" ގެ ސަޕްރައިޒެއް އެބައޮތް!

މި ފަހުން ސިނަމާތަކަށް އައި އިންޑިއާގެ އެންމެ ބޮޑު ހިޓް ކަމަށްވާ "ދުރަންދަރު" އަދި ނުނިމޭނެ ކަމަށާއި އަހަރުގެ ފަހުކޮޅު ސަޕްރައިޒެއް ވެސް އޮތް ކަމަށް އެ ފިލްމު އުފެއްދުމުގައި ހިއްސާވި ޖިއޯ ސްޓޫޑިއޯ އިން ބުނެފި އެވެ.

އެ ސްޓޫޑިއޯގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ޖިއޯތީ ދޭޝްޕާންޑޭ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޑައިރެކްޓަރު އަދިތިޔާ ދާރްގެ ފިލްމު ނިމުނީ ކަމަށް އަދި ބަލައިގެން ނުވާނެ ކަމަށެވެ.

"އެހެންވީމަ އަ އަހަރުގެ ފަހުކޮޅަށް އެބައޮތް ސަޕްރައިޒެއް." އިތުރު ތަފުސީލެއް ނުދީ ޖިއޯތީ ބުންޏެވެ.

"ދުރަންދަރު" ގެ ފުރަތަމަ ބައި ގެނެސްދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު 5 ގަ އެވެ. އަދި ދެވަނަ ބައި "ދުރަންދަރު: ދަ ރިވެންޖް" ރިލީޒްކުރީ މިދިޔަ މާޗް މަހުގެ 19 ގަ އެވެ. މި ދެ ބަޔަކީ ވެސް އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ދެ ފިލްމެވެ.

ސްޕައި އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ދުރަންދަރު" ގެ ލީޑަކީ ރަންވީރު ސިންގް އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އާރް މާދްވަން، ސަންޖޭ ދަތު، އަރުޖުން ރާމްޕާލް، އަކްޝޭ ކަންނާ، ރާކޭޝް ބޭދީ އަދި ސާރާ އަރުޖުން ހިމެނެ އެވެ.

"ދުރަންދަރު" ގެ ސަޕްރައިޒެއް އޮތް ކަމަށް ޖިއޯ ސްޓޫޑިއޯ އިން ބުނި އިރު، މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑައިރެކްޓަރު އަދިތިޔާ މިހާރު އަންނަނީ އާ ފިލްމަކަށް ތައްޔާރުވަމުންނެވެ. އަދި އޭގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗް ހިސާބުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ނެޝަނަލް އެވޯޑްތަކެއް ހޯދި 2019 ގެ އުރީ: ދަ ސާޖިކަލް ސްޓްރައިކް" ވެސް ގެނެސްދިން އަދިތިޔާ އަކީ ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ އެވެ.