މާތް اللهُ ސުބުޙާނަހޫ ވަތަޢާލާ މުސްލިމުންނަށް ދެއްވައިފައިވާ ދެ ޢީދަކީ މަތިވެރި އަޅުކަންތަކަކަށް ފަހު އަންނަ އުފާވެރިކަމުގެ ދުވަސްތަކެކެވެ. ރަމަޟާން މަހުގެ ރޯދަ އަށް ފަހު ފިޠުރު ޢީދު އަންނައިރު، ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަޟްޙާ ޢީދު އާދެ އެވެ. އިސްލާމް ދީނުގައި ޢީދު އުފާ ފާޅުކުރުމަކީ ހުއްދަ، އަދި އެދެވިގެންވާ ކަމެކެވެ. ނަމަވެސް، މި އުފާ ފާޅުކުރުން އޮންނަން ވާނީ ދީނުގެ މަތިވެރި އިމުގެ ތެރޭގަ އެވެ.
ކީރިތި ޤުރުއާނުގައި މާތް اللهُ ވަނީ އެކަލާނގެ ފަޟްލުވަންތަކަމާއި ރަޙްމަތަށްޓަކައި އުފާކުރުމަށް އަމުރުކުރައްވާފައެވެ. ސޫރަތު ޔޫނުސްގެ 58 ވަނަ އާޔަތުގައި ވަނީ: ﴿قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ﴾ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ فضل ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެ މަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ."
ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު، އެ ރަށުގެ މީހުން ކުޅިވަރު ކުޅެ އުޅޭ ދެ ދުވަހެއް އޮތެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: "މާތް اللهُ ވަނީ އެ ދެ ދުވަހުގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ ދެ ދުވަހެއް ތިޔަބައިމީހުންނަށް ދެއްވާފައެވެ. އެއީ އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ." (އަބޫ ދާއޫދު). މިއިން އެނގެނީ ޢީދަކީ މުސްލިމުންގެ އަމިއްލަ ވަންތަކަމާއި، ދީނީ ސިފަތަކާ ގުޅިފައިވާ ދުވަސްތަކެއް ކަމެވެ.
ޢީދުގެ އުފާ ފާޅުކުރުމުގައި މިއަދު ފެންނަ އެންމެ ހިތާމަވެރި އެއް ކަމަކީ، ޢީދުގެ ނަމުގައި ހިންގޭ އިސްލާމީ އަޚްލާޤާ ޚިލާފު ކަންކަމެވެ. ވަކިން ހާއްސަކޮށް، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، ގައިގޯޅިވެގެން ހިންގާ ކުޅިވަރުތަކަކީ ދީނީގޮތުން ނަހީކުރައްވައިފައިވާ ކަންކަމެވެ. ޢީދުގެ އުފަލަކީ ފާފައަށް އަރައިގަތުމަށް އޮތް ފުރުސަތެއް ނޫނެވެ. މާތް اللهُ ޙަރާމްކުރެއްވި ކަންކަމަށް އަރައިގަތުމުން ޢީދުގެ ބަރަކާތް ކެނޑި، އެކަލާނގެ ކޯފާއަށް މަގުފަހިވެއެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޢީދު ފާހަގަކުރަންވާނީ އެދުވަހުގެ އަދަބުތަކަށް ރިޢާޔަތްކޮށްގެންނެވެ. އޭގެ ތެރޭގައި:
• ހެނދުނު ހިނގައިގަނެ، ރީތި ހެދުންލައި، ޢީދު ނަމާދަށް ދިއުން
• ތަކުބީރު ކިޔުން ގިނަ ކުރުން
• ޢާއިލީ ގުޅުން ބަދަހި ކުރުމާއި، ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރުން
• ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވެ، އެމީހުން އުފަލުގައި ބައިވެރި ކުރުން
• ހުއްދަވެގެންވާ މުނިފޫހިފިލުވުމުގެ ކަންކަމުގައި ބައިވެރިވުން
ابن القيم رحمه الله ވިދާޅުވެފައިވާ ގޮތުގައި، ޢީދަކީ ހަމައެކަނި އައު ހެދުންލުމެއް ނޫނެވެ. ނަމަވެސް ޢީދަކީ މާތް اللهُ އަށް ބިރުވެތިވާ މީހާއަށް އޮތް އުފަލެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ޢީދު ހަރަކާތްތައް ބައްޓަންކުރަންވާނީ މިއުސޫލުގެ މަތިންނެވެ. މިއުޒިކާއި، ނެށުމާއި، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުމުން އެއްކިބާވެ، އިސްލާމީ ރިވެތި އާދަކާދަތައް ދިރުވަން ޖެހެ އެވެ. ޢީދުގެ ޙަޤީޤީ އުފާވެރިކަން ލިބޭނީ މާތް اللهُ ރުއްސަވާ އިންތަކާއި މިންތަކުގެ ތެރޭގައި ދެމިތިބެގެންނެވެ.
އަޅުގަނޑުމެންގެ އުފާފާޅުކުރުންތަކަކީ އެކަލާނގެއަށް އަދާކުރެވޭ ޝުކުރެއް ކަމުގައި ހަދަމާ ހިނގާށެވެ. ދީނީ އަގުތަކާއި، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓައިގެން ފާހަގަކުރާ ޢީދަކީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެ ކަމެކެވެ.
ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.