ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އެމްޑީޕީގައި ދެމި ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މީކާއިލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"އިތުބާރު" ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ ރަށްރަށުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީގައި ދެމިތިބޭނެތޯ ކުރާ ސުވާލު ކަމަށާއި 2023 ގެ ރިޔާސީ ޕްރައިމަރީއަށްފަހު ބަޔަކު ޕާޓީ ދޫކޮށް ދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު ތަކުރާރުކޮށް އެ ބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ، މި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އަޅުގަނޑުމެން ދެމިތިބޭނީ ކުރިން ވެސް ތިބިހެން، މި ޕާޓީގައި، މި ޕާޓީގެ އާންމު މެންބަރުންނަށް ޚިދުމަތްކުރުމުގައި ކަމަށް،" މީކާއީލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން އެންމެ ބޮޑަށް ބޭނުންވަނީ އެއްގޮތެއްގައި ސާބިތުވެ ހުންނާނެ އަދި ދައްކާ ވާހަކައާއި، އަމަލާ ދިމާވާނެ އިތުބާރު ހުރި ފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކުރަން ކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރެވޭނީވެސް، އެއް ގޮތަކަށް އެއްގޮތެއްގައި ހުންނަ އަދި ބަސްބުނާއިރުވެސް އެއްގޮތެއްގައި އެ ބަސް ހިފަހައްޓާ ބަހުގެ އިތުބާރު އޮތް ފަރާތަކަށް ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.
ނަޝީދުގެ "ބޮޑު ބަދަލާ" ގުޅޭގޮތުން މީކާއީލް ވިދާޅުވީ އެބޭފުޅުން ހުށަހަޅުއްވަނީ ޗެއާޕާސަންގެ ދައުރާ ގުޅޭ ކަންކަމުގެ ބަދަލުގައި، ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށެވެ. އަދި ދައުލަތަށް ގެންނަންޖެހޭ ބަދަލުތަކުގެ ވާހަކައަކީ ޕާޓީގެ ގައުމީ މަޖިލީހުން މަޝްވަރާކޮށް 2028 ގެ ރިޔާސީ މެނިފެސްޓޯގައި ހިމަނަންޖެހޭ ކަންކަން ކަމަށްވެސް ވިދާޅުވި އެވެ.