Last Updated: July 12, 18:50
Sunday, July 12, 2026
ޚަބަރު

ނަޝީދާއި ފައްޔާޒްގެ 'ބޮޑު ބަދަލު' ލަންކާ އަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދަވާ 'ބޮޑު ބަދަލު' ގެ ބައްދަލުވުމެއް ސްރީ ލަން،ކާގައި ވެސް ބާއްވަން ނިންމައިފި އެވެ.

އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ލަންކާހެ ދެހިވަލައިގަ އެވެ. ބައްދަލުވުން ކުރިއަށް ދާނީ އެރޭ 8:00-10:00 އަށެވެ. އެހެންވެ ލަންކާގައި އުޅޭ ވީހާ ވެސް ގިނަ ދިވެހިން ބައްދަލުވުމުގައި ބައިވެރިވާން ނަޝީދާއި ފައްޔާޒްގެ ޓީމުން އެދެ އެވެ.

އަވައްޓެރި ލަންކާ އަކީ ވަރަށް ގިނަ ވަރަށް ދިވެހިން އުޅޭ ގައުމެކެވެ. އެ ގައުމުގައި އުޅޭ ދިވެހިންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ސިޔާސީ ބައެއް ހަރަކާތްތައް ލަންކާގައި އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާފައިވެ އެވެ.

'ބޮޑު ބަދަލު' ގެ ބައްދަލުވުމެއް ލަންކާގައި ބާްއްވަން ތައްޔާރުވަމުން އަންނަ އިރު، މީގެ ބައްދަލުވުންތަކެއް މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ބާއްވާފައިވެ އެވެ. ބޮޑު ބަދަލު އިއުލާންކުރީ މިދިޔަ މަހުގެ 19 ގަ އެވެ.

ކުރިން ވެސް އެމްޑީގެ ޗެއާޕާސަންކަމާއި އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ކަމަށް އަލުން ވާދަކުރައްވަމުންނެވެ. އަންނަ މަހުގެ 12 ގައި ބާއްވާ އެ އިންތިހާބުގައި ދެން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮޅު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ އިތުރުން އިބްރާހިމް މުހައްމަދު، (ވާޑު) އެވެ.