ރާއްޖޭގައި ހުރިހާ ކަމެއް މިހާރު މިއޮތީ ހަތަރެސްކަން ހަމަވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިއީ މިނިވަން ޑިމޮކްރެސީއެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ. އަދި ނޫސްވެރިންނަށް ދައްކާނެ ކޮންމެ ވާހަކައެއް ދެއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް މިއަދު ނޫސްވެރިންގެ ފަހަތުން ދުވަން ފަށާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި އަމިއްލަ ދިރިއުޅުއްވުމުގައި ރައީސް މުއިއްޒު ކުރައްވާ ކަމެއްގެ ތުހުމަތުގެ މައްސަލަ ހިފައިގެން ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލަށް ނުދެވޭނެ ކަމަށާއި އެއީ ރައީސް މުއިއްޒުގެ އަމިއްލަފުޅު ދައުވާއެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓު އަމުރުގައި "ގަޒްފު" ގެ ވާހަކަ އޮތުމުން ޔާމީން ވަނީ އެކަމުގައި ކޯޓުން ގޮތެއް ނިންމީތޯ ވެސް ސުވާލު އުފައްދަވާފަ އެވެ. އެހެން ނޫން ނަމަ ގަޒްފުގެ ނަން އަދި އެކަމުގެ އުގޫބާތުގެ ވާހަކަ އަމުރުގައި އަންނަން ނުޖެހޭނެ ކަމަށާއި މި މައްސަލައިގައި ފުލުހުން ތަހުގީގު ކުރުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުނެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ރާއްޖޭގައި މިހާރު ހުރިހާ ކަމެއް ހަތަރެސްކަން ހަމަވެފައި މިތިބީ،" ޔާމީން ވިދާޅުވި އެވެ.
ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.