Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އެންމެ އަމުރަކުން ރައްޔިތުންގެ ދޫ ބަންދުކޮށްފި: ފައްޔާޒު

ކްރިމިނަލް ކޯޓުން ނެރުނު އެންމެ އަމުރަކުން ދިވެހި ހުރިހާ ރައްޔިތުންގެ ދޫ ބަންދުކޮށްލާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އެންމެ އަމުރަކުން އެ ބަންދުކޮށްލީ ހުރިހާ ދިވެހި ރައްޔިތުންގެ ދޫ ކަމަށާއި އެންމެ 14 ދުވަހުގެ ތެރޭ ހަވާ ފަޓާސްބަރިއެއްހެން ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު އަދަދުގެ ފިޔާޒު އާއި ހަސަންއަށް ދައުވާ އުފުލުން ކުށްވެރިކުރާ ކަމަށެވެ. ފިޔާޒު އާއި ހަސަން އަދި އަދަދު ނޫހުގެ މަސައްކަތް ހުއްޓުވާލެވިދާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި ރައްޔިތުން ތިބީ ނޫސްވެރިންނާއެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މި ޝަރީއަތް ފެށުމުގެ ކުރިން ވަކި ގޮތެއް ނިމިފައި އޮތް މަންޒަރު ދިވެހިންނަށް ސާފުކޮށް ފެނޭ. ނޫސްވެރިން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނީ ހުދުމުހުތާރު ވެރިން. ސިއްރު ޝަރީއަތެއް ހިންގައި ދެ ނޫސްވެރިޔަކު ޖަލަށް ލުމަށް މުއިއްޒު އުޅުއްވުމަކީ ބިރުވެރިކަމެއް. މިކަން ހުއްޓުވުމަށް އެކުގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ވެރިޔަކަށް ހުންނަ މީހާ ބޭނުންވުމުން އާންމު ވެގެންވާ އަދަބެއް ރައްޔިތުންނަށް ނުދެވޭނެ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.