ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށާއި ސަރުކާރުން އެދޭ ވަރަށް ވުރެ ވެސް ފުރިހަމައަށް މަސައްކަތްތައް ޑެލިވަރީކޮށް ދެއްވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ޑީއެންއާރް އަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުގައި ހިމެނޭ އިދާރާއެކެވެ. އެތަނުގެ ހިދުމަތް ދޭން ފެށީ 1984 ގަ އެވެ.
އެތަނުގެ ހިދުމަތަށް އިއްޔެ 42 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ޑީއެންއާރުގެ މަސައްކަތްތައް ދާނީ އިތުރަށް ފުޅާވެގެން ކަމަށާއި އެގޮތުން ސިވިލް ރަޖިސްޓްރޭޝަނަކަށް މުޅި ނިޒާމު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އަބަދުވެސް ޓެކްނޮލޮޖީ އަށް މި އަންނަ ބަދަލުތަކާ އަދި ޤައުމަށް މި އަންނަ ކުރިއެރުންތަކާ އެކު ބައިނަލްއަޤްވާމީ ގޮތު ންވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ މިންގަނޑުތަ އްވެސް ދާނީ ބަދަލުވަމުން. އަބަދުވެސް ތިބެންވާނީ އަންނަ ކޮންމެ ބަދަލަކަށް މަރުހަބާ ކިޔަން ތައްޔާރަށް." އޭނަ ވިދާޅުވި އެވެ.
އިހްސާން ވަނީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޑީއެންއާރުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންނާ ގާތުން މިހާރު ލިބެމުން އަންނަކަން ވެސް ފާހަގަކުރައްވާފައެވެ.
"ސަރުކާރުން އެދޭ ވަރަށް ވުރެވެސް ފުރިހަމައަށް މަސައްކަތްތައް ޑެލިވަރީ ކޮށްދެއްވާ. ހަމަ ޔަގީންނުންވެސް މި ކާމިޔާބީއަކީ ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް." މިނިސްޓަރު ވިދާޅުވި އެވެ.
ޑީއެންއާރް އިން ބަލަހައްޓާ ދިވެހި ރައްޔިތުންގެ މައުލޫމާތުތައް ބެލެހެއްޓުމުގައާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ދިނުމުގެ މަސައްކަތް ކުރުމުގައި ޒަމާނާ އެއްގޮތަށް އެންމެ ފުރިހަމަ ޙިދުމަތް، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ލިބޭނޭހެން މަސައްކަތް ކުރުމަކީ ޑީއެންއާރުގެ އަމާޒެވެ.
ޑީއެންއާރަށް ތައުރީފުކޮށް މިނިސްޓަރު އިހްސާން ވާހަކަ ދެއްކެވި އިރު، އޭނަ ނިސްބަތްވާ ޕާޓީ، ޕީއެންސީގެ މެންްބަޝިޕްގެ އިތުރު ކުރަން 2024 ގައި މަސައްކަތުގެ ތެރޭގައި ޕީއެންސީން ޑީއެންއާރްގެ ޑޭޓާ އަށް އެކްސެސްވެ ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ޕާޓީ އަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލަ ފެންމަތިވެފައިވެ އެވެ. އަދި އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އިހްސާން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވެ އެވެ.