Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ސައިބާ ސެކިއުރިޓީ އެޖެންސީ ހެދުމުގެ ބިލު ހުށަހަޅައިފި

ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް، ރާއްޖޭގެ ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެ ބިލު ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ އިދާރާގައި ހިމެނޭ އުމްރާނީ މުހިންމު ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާގުޅޭގޮތުން ފުރިހަމަވާ ންޖެހޭ ކަންކަން ކަނޑައެޅުމެވެ. މީގެ އިތުރުން ދާޚިލީ އަދި ކްރޮސް ބޯޑަ ސައިބަ ސެކިއުރިޓީ ނުރައްކާތައް ދެނެގަނެ ސައިބަ ސެކިއުރިޓީ އިންސިޑެންޓުތައް ހުއްޓުވޭނެ އަދި އެފަދަ ނުރައްކާތަކާއި އިންސިޑެންޓުތަކަށް ތައްޔާރުވެ، އިޖާބަ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ކަމާބެހޭ އުސޫލުތައް ބަޔާން ކުރުމަކީ ވެސް ބިލުގެ މަގުސަދެކެވެ.

މި ބިލުގެ ދަށުން ރާއްޖޭގެ ސައިބަ ވެށި ރައްކާތެރިކުރުުމާ ގުޅޭ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީ ޤާއިމުކޮށް އެ އެޖެންސީގެ މަސްއޫލިއްޔަތުތައް ކަނޑައަޅާނެ އެވެ. އަދި ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗާގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކާ ގުޅޭގޮތުން ފުރިހަމަ ވާން ޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ވެސް ކަނޑައަޅާނެ އެވެ.

ހަމަމިއާ އެކު ބައިނަލްއަގުވާމީ ސައިބަ ސެކިއުރިޓީ ސްޓެންޑަރޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ސައިބަ ސެކިއުރިޓީއާ ގުޅޭ ގޮތުން ޤައުމީ ފެންވަރުގައި އަމަލު ކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ވެސް މި ބިލުގެ ދަށުން ކަނޑައަޅާނެ އެވެ.

ރާއްޖޭގެ ސައިބރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ ޤާނޫނުގެ ދަށުން އުފައްދާ ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީގެ ލަފާގެ މަތިން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ. އަދި އެ އެޖެންސީގެ ބޯޑުގައި ޗެއާޕާސަނަކާއި ޗީފް އެގްޒެކެޓިވްއަކާއި ތިން ޑިރެކްޓަރުން ހިމަނަން ޖެހޭނެ އެވެ.

ރާއްޖޭގައި މިހާރު ވެސް ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ޑިޕާޓްމަންޓެއް އޮވެއެވެ. މަޖިލީހަށް މިހާރު ހުށަހެޅި ބިލު ފާސްވެ ތަސްދީގުވުމާ އެކު ޤާނޫނީ ބާރު ލިބިގެންވާ މިނިވަން އިދާރާއަކަށް އެތަން ބަދަލުވެގެންދާނެ އެވެ.

ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ވެސް ބޮލުހައި ހިމަނާފައިވެ އެވެ. އަދި ލައިސަންސް ނެތި ޚިދުމަތްދޭ ނަމަ 50،000-500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.