Last Updated: July 11, 11:17
Saturday, July 11, 2026
މުނިފޫހިފިލުވުން

ސެމްސަންގަށް ޑުއާ ލިޕާ ދައުވާކޮށްފި

ހުއްދަ ނެތި ވިޔަފާރީގެ ބޭނުމަށް ފޮޓޯ ބޭނުންކޮށްފައިވާތީ އިނިގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ ސެމްސަންގް އަށް ދައުވާކޮށްފި އެވެ.

ދެކުނުގެ ކޮރެއާގެ ކުންފުންޏަށް އޭނަ ދައުވާކުރީ 15 މިލިއަން ޑޮލަރުގެ ބަދަލެއް ވެސް ނަގައި ދިނުމަށެވެ.

ހުކުރު ދުވަހު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސެމްސަންގުން މިދިޔަ އަހަރު ބާޒާރަށް ޓީވީތަކެއް ނެރުނު އިރު، އެ ޓީވީ ބަންދުކޮށްފައިވާ ފޮށީގެ ބޭރުގައި އޭނަގެ މޫނުގެ ތަސްވީރު ހިމަނާފައިވާ ކަމަށެވެ އަދި އެކަން ސެމްސަންގުންކޮށްފައި ވަނީ ހުއްދައެއް ނެތި ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ކުންފުނީގެ ވިޔަފާރީގެ މަންފާ އަށް ހުއްދަ ނެތި ފޮޓޯ ބޭނުންކުރާކަން ސަމާލު ކަމަށް އައުމުން އެކަން ހުއްޓާލަން އެދުނު ނަމަވެސް، އެ އެދުމަށް ސެމްސަންގުން އިޖާބަ ދީފައި ނުވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ސެމްސަންގަށް ކުރި ދައުވާގައި ބުނެފައި ވަނީ އެ ކުންފުނީގެ ޓީވީތަކެއްގެ މާކެޓިން އަށް ޑުއާގެ ފޮޓޯ ބޭނުންކުރި ނަމަވެސް އެ އުފެއްދުމަކާއި ޑުއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެއީ އޭނަ އެންޑޯޒް ވެސް ކުރާ އުފެއްދުމެއް ނޫން ކަމަށެވެ. އަދި މިއީ ސެމްސަންގުން ހުއްދަ ނެތި، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށާއި ޓީވީ ވިޔަފާރީގެ ޕްރޮމޯޝަނަށް ފޮޓޯ ބޭނުންކޮށްގެން ސެމްސަންގުން ބޮޑު ފައިދާއެއް ވެސް ހޯދާފައިވާ ކަމަށް ޑުއާގެ މައްސަލައިގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ސެމްސަންގުން އަދި މިހާތަނަށް ވަކި އެެއްޗެއް ނުވެ އެވެ. އެ ކުންފުންޏަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓެކް ކުންފުންޏެވެ.