Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

ޑޭޓާ ޕްރޮޓެކްޝަން ބިލް ހުށަހަޅައިފި

ޑޭޓާ ޕްރޮޓެކްޝަން ނުވަތަ ޒާތީ މަޢުލޫމާތު ރައްކާތެރި ކުރުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ.

"ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" ގައި ބަޔާންކޮށްފައިވާ ގޮތުން މި ބިލު ޤާނޫނަކަށްވުމުން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުން ކުރުމުގެ ނިޒާމެއް ޤާއިމު ކުރެވޭނެ އެވެ. އަދި ޒާތީ މަޢުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓް ކުރުމާ ބެހޭ އުސޫލުތައް އެ ބިލުގެ ދަށުން ބަޔާން ކުރާނެ އެވެ.

މި ބިލާއެކު ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑަ ފަރާތްތަކަށް ޒާތީ މަޢުލޫމާތު ޓްރާންސްފަ ކުރުމާ ގުޅޭ އުސޫލުތައް ވެސް ކަނޑައަޅާނެ އެވެ. އަދި ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ޙައްގުތަކާއި އެ ޙައްގުތައް ބޭނުންކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެ ނަމަ މަޢުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ވެސް ބިލުން ކަނޑައަޅާނެ އެވެ.

އަދި ޤާނޫނު ތަންފީޒުކޮށް ހިންގުމުގެ ގޮތުން ޕްރައިވަސީ ކޮމިޝަނަރުގެ ދައުރު އަދާކުރާނެ ފަރާތެއް ކަނޑައަޅައި އޭނާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޕްރައިވަސީ ކޮމިޝަނަރަކަށް ހުންނާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އައްޔަން ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރެވެ.