Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކޮށް ބަލަހައްޓާނެ

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މާލޭގައި ފެށި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިއާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ކަމަށެވެ.

ޝިޔާމު ވިދާޅުވީ އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާ އެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ވެސް ކުރަމުން ކަމަށެވެ.

ދިވެހިރާއްޖެއަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ހަމައެކަނި ފަލްސަފާއެއް ނޫން، އެއީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއް، އަންނަން އޮތް ޖީލުތަކުގެ ފާގަތިކަން ބިނާވެފައިވަނީ ކަނޑުފަޅުތަކުގެ ދިރުމާއި ދުޅަހެޔޮކަމުގެ މައްޗަށް. އޭނަ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ވަސީލަތެއް ކަމަށެވެ. އެހެންވެ އިންޑިއާ ކަނޑުގެ މުސްތަޤުބަލު ބިނާވެފައި ވަނީ، އެކަކު އަނެކަކަށް އިތުބާރުކޮށް، އިންސާފުވެރިކަމާ އެކު، އަދި އެންމެންގެ ޒިންމާއެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

އަދި ރާއްޖޭގައި އަލަށް އައިޓީސީގެ ބައްދަވުމެއް ބާއްވާ އިރު، މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ، އައްސޭރިފަށުގެ މުޖުތަމަޢުތަކާއި، ކާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ އާމްދަނީގެ އިތުރުން، ދުނިޔޭގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.