ކޮންމެ ގައުމެއްގައި ވެސް ސިޔާސީ އޮއިވަރާއެކު ތަފާތު ވާހަކަތަކެއް ފެންމަތިވެއެވެ. ބައެއް ފަހަރު މިފަދަ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ، ގައުމީ ރޫހު އަށަގެންނެވުމުގެ ނަމުގައި ފެތުރޭ ހަގީގަތާ ޚިލާފު މައުލޫމާތުތަކަކަށް ވެގެންދެއެވެ. މިއަދު އަޅުގަނޑުމެން މިތިބީ އެފަދަ ބިރުވެރި ތަސައްވަރުތަކެއް ކުރެހި، މުޖުތަމައު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލި ދުވަސްތަކެއް ފަހަނައަޅައި ގޮސްފައެވެ.
އެދުވަސްވަރު "ދިޔަރެސް" ފަދަ ނަންނަމުގައި އެކި ޕްލެޓްފޯމްތަކުގަ އާއި ސޯޝަލް މީޑިއާގައި ފެތުރި އެންމެ ބޮޑު އެއް ވާހަކައަކީ، އަވަށްޓެރި ގައުމަކުން ދިވެހިރާއްޖެ ހިފަން އުޅޭ ކަމުގެ ބިރުވެރި ވާހަކައެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށަށް މި ފަސްގަނޑު ހިނގައިދާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ އޭރު ގިނަ ބައެއްގެ ނިދި ނަގާލި ކަންކަމެވެ. ރާއްޖޭގެ ހުރިހާ ދިމާލަކުން ފެންނަނީ ބޭރުގެ ނުފޫޒު ކަމަށާއި، ގައުމު ދިވެހިންގެ އަތުން ބީވެގެން ހިނގައްޖެ ކަމަށް ބުނެ އަޑުގަދަކުރިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ސިފައިން ބަރު ހަތިޔާރާއެކު ގާއިމުވެ އެބަތިބި ކަމަށް ބުނެ ފެތުރި ވާހަކަތަކަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ރާއްޖޭގެ ސިޔާދަތީ ބާރު ކެނޑި، ބޭރުގެ އަސްކަރީ ބާރުތަކުގެ މަރުކަޒަކަށް މި ފަސްގަނޑު ވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ބައިބައިވުން އުފެއްދިއެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހަތިޔާރު އެޅި ބޭރު ސިފައިން ކަމަށް ބުނެ ދެއްކި ވާހަކަތަކުން ގައުމުގެ އަމާންކަން އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.
ވަކިން ހާއްސަކޮށް، އުތުރު ތިލަފަޅާއި އައްޑޫ ސިޓީގައި އިންޑިއާގެ ހަނގުރާމަމަތީ ބޭސްތަކެއް ހަދާފައިވާ ކަމާއި، އެތަންތަނުގައި ބަރު ހަތިޔާރު ރައްކާކުރާ ބަންކަރުތައް ހުރި ކަމަށް ބުނެ ކުރި ތުހުމަތުތަކަކީ ވަރަށް ބޮޑެތި ވާހަކަތަކެވެ. ކޮންމެ ރެޔަކު އިންޑިއާގެ މަނަވަރެއް ހިތަދޫ ކަނޑާ ދިމާލަށް ބޭރުގައި އޮވެގެން، އައްޑޫގައި ހުންނަ މިލިޓަރީ ބޭސްއަށް ބަރު ހަތިޔާރު ބާލާ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ އޭރުގެ މައިގަނޑު ސުރުޚީތަކެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި، އެއްވެސް ހެއްކެއް ނެތް މިފަދަ ބޮޑެތި ދޮގުތައް ދިޔަރެސް ނޫހުންނާއި ސޯޝަލް މީޑިއާގައި އާންމުކުރަމުން ދިޔައެވެ.
އެކަމަކު މިއަދު ސުވާލަކީ، އެ ބުނި ބަރު ހަތިޔާރުތަކާއި، ބަންކަރުތަކާއި، ކޮންމެ ރެޔަކު ހަތިޔާރު ބާލަން އައި މަނަވަރުތައް ކޮބައިތޯއެވެ؟ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް ދެއްކި އެ ބޮޑެތި "ރޯ ބުހުތާނު" ދޮގުތަކުގެ ހަގީގަތް މިއަދު މިވަނީ ހާމަވެފައެވެ. އެ ދުވަހު ގައުމު ހިފަން އުޅުނު ބަޔަކުވެސް މިއަދު ފެންނާކަށް ނެތެވެ. އަދި އެ ބުނި ބަރު ހަތިޔާރުތަކުގެ ހިލަމެއް ވެސް ނެތެވެ.
އެ ހުރިހާ ވާހަކަތަކެއް މިއަދު މިވަނީ މާޒީގެ ތެރެއަށް އޮބި، ހަނދާން ނެތިފައެވެ. ގައުމީ ސަލާމަތަށްވުރެ ބޮޑަށް އަމިއްލަ އެދުމާއި ސިޔާސީ މަންފާ އިސްކޮށް ފެތުރި އެފަދަ ވާހަކަތަކަކީ ތާރީޚުގައި ލިޔެވިފައިވާ ކަޅު ސޮފްހާތަކެކެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އެ ވާހަކަތައް ދެއްކި ބޭފުޅުން ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި މަންޒަރެވެ. އަދި އެހުރިހައި ވާހަކަތަކެއް ހަނދާން ނައްތާލައި، އެބޭފުޅުން އަމާން އޮމާންކަމާއެކު ދިރިއުޅެމުންދާ މަންޒަރެވެ. އެއީ އެހެންނަމަވެސް އިންޑިއާ އައުޓު ޖެހި ރަތްކުލައިގެ ޓީޝާޓް ތުރުކުރައްވައިގެން އެ ދުވަހު މަގުތަކަށް ނުކުމެ ގައުމު ހަލަބޮލިކުރި ބޭފުޅުންނެވެ.
ހަގީގަތަކީ ދޮގުގެ މައްޗަށް އަބަދުވެސް ތެދު ކުރި ހޯދާނެކަމެވެ