އައްޑޫގައި މި ދުވަސްކޮޅު ވައްކަން ކުރުން އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އައްޑޫ ސިޓީ ފުލުހުންގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ބުނީ މި ދުވަސްކޮޅު ވައްކަން ގިނަކަން ފާހަގަކުރެވޭތީ، ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީންގެ އަވަށްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުށް ކުރާ މީހުންނާ މެދު ސަމާލުވެއ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިއްބެވުމަށް ރައްޔިތުންނަށް އިލްތިމާސް ވެސް ކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުން ބުނީ ވައްކަން ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ އެއްވެސް އެއްޗެއް މީހަކު ވިއްކަން އުޅޭ ނަމަ، ނުވަތަ ވިއްކުމަށް ހުށަހަޅާ ނަމަ އެފަދަ ތަކެތި އެ މީހެއްގެ އަތުން ނުގަތުމަށާއި، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސް ނުކޮށް ކޯލް ސެންޓަރު ނަމްބަރު 125 އަށް ގުޅައި ހިއްސާކޮށް ދޭން ވެސް އެދޭ ކަމަށެވެ.
މި ފަހަކަށް އައިސް ފުލުހުންނަނީ އައްޑޫގައި ކުރާ ވައްކަންތައް ރިޕޯޓް ކުރުމުން، ވަގަށް ނަގާ ތަކެތި ހޯދައި ހަވާލު ކުރުމުުގެ އިތުރަށް، ވަގަށް ނަގާ ތަކެތި ހޯދައި ތަކެތީގެ ވެރިފަރާތް ހާޒިރުވެ ތަކެތި ގެންދިއުމަށް ވެސް އަންގަމުންނެވެ.