Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

ކޯޓު އަމުރާ ހިލާފުވާން ތައްޔާރު: ނަޝީދު

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރާއި ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރައީސް އޮފީހުގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު، ރައީސް އޮފީހުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެފައި ކަމަށާއި ރައީސް އޮފީހުގެ މުވައްޒަފު އެހެން ބުނީ "އަދަދު" ނޫސް މެދުވެރިކޮށް ކަމުން އެ ނޫހަށް ވަނީ ދައުވާ އުފުލާފައި ކަމަށެވެ. އަދި ކޯޓުން ވަނީ އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނެ ކޯޓު އަމުރެއް ނެރެފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ކޯޓު އަމުރާއި ފާޅުގައި ގިނަ ބަޔަކު ހިލާފުވުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގުގައި ކުރެވޭނެ އިހުތިޖާޖެކެވެ.

"އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.