މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފުރުސަތު ދެއްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަދީފައިވާ ކަމަށާއި މިއީ ޑިމޮކްރަސީގެ އެއްމެ ވަރުގަދަ އެއް އަސާސް ކަމަށެވެ.
ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އޭގެ ހިޔަންޏަށް ވަދެ ތިބެ، ވާދަވެރި ސިޔާސީ ޕާޓީއަކުން އިދިކޮޅު ހަރަކާތްތައް ހިންގާ އުޞޫލުން ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީސްތެރޭ ހަޅުތާލުކުރާ މޭރުމުން ކަންކަން ކުރާ މަދު ނަމަވެސް ބައެއްް ނޫސްތަކުން ނޫސްވެރިކަމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ނޫސް ކޮންފަރެންސްތަކަކީ ޒާތީގޮތުން ދިމާކުރުމާ، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާ، ޤާނޫނުތައް މުގުރުމާ، ކޯޓުގެ ޙުރުމަތް ކެނޑުމަށް އޮތް ފުރުޞަތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް މަޢުލޫމާތު ނުދެއްވާ މިންވަރަށް ރައީސް ޑރ. މުޢިއްޒު އެފުރުސަތު އެބަ ދެއްވާ. އެއީ ޙަޤީޤަތް. އެއްވެސް އިތުރު މޮޑަރޭޝަންއަކާ ނުލާ ކޮންމެ ހަފްތާއަކު އެއްފަހަރު ސީދާ ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ހުޅުވާލެވިފައިވާ މާޙައުލެއްްގައި މަޢުލޫމާތު ދެއްވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކާއި ސިޔާަސަތުތައް ޒިންމާދާރު ނޫސްވެރިކަމުގެ ތެރެއިން ހާމަކޮށްދެއްވުމަށް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ ނޫސްވެރިން މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް އަދި ޝަރުޢީ ޤާނޫނީ އަމުރުތަކާއި އުޞޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ކަމަށް ވިދާޅުވެފަ އެވެ.