ނިމިދިޔަ އޭޕްރިލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން 2.63 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އަދަދަކީ އެޕްރީލް 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.6 އިންސައްތަ އިތުރު، އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.3 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.
އޭޕްރީލް 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 16.6 އިންސައްތަ އިތުރުވި މައިގަނޑު އެއް ސަބަބަކީ ރިޒޯޓުތަކުގެ ކުއްޔާއި، ޖިއެސްޓީ އަދި ވާކް ޕާމިޓް ފީ އިން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އޭޕްރީލްގައި ލިބިފައިވާ އާމްދަނީގެ 32.6 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 14.2 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވާނެކަމަށް ބެލެވޭތީ، ފަތުރުވެރިން އަންނާނެ ކަމަށް ކުރިން ލަފާކުރި އަންދާޒާތައް ވަނީ ދަށްކޮށް މުރާޖައާކޮށްފައެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، އޭޕްރީލް 2025 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު އޭޕްރީލް 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދައިރާގެ ޖީއެސްޓީގެ އާމްދަނީއާއި ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19.8 އިންސައްތަ ދަށްވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.
މީގެއިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ އާމްދަނީ ވަނީ 2025 ވަނަ އާރާ އަޅާބަލާއިރު ދަށްވެފައި ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.
އޭޕްރީލް 2026 ގައި، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 543 ބިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 372 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 96 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ.
އޭޕްރީލް 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 63.6 އިންސައްތަ ނުވަތަ 1.7 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 7.1 އިންސައްތަ ނުވަތަ 185 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 178 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 152 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 152 މިލިއަން ރުފިޔާ، އަދި ރިސޯޓްތަކުގެ ކުލީގެ ގޮތުގައި 129 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި އޭޕްރީލް 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.