Last Updated: July 11, 10:01
Saturday, July 11, 2026
ރިޕޯޓް

ސަލާމް ގޮވުމުގެ އަދަބުތައް

* "އައްސަލާމް" އަކީ ތަޢާލާގެ މަތިވެރި އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ.
* ތަޢާލާގެ މިނަންފުޅުން ސަލާމްގޮވައި ސަލާމް ފެތުރުމަށް ދީނުގައި އަމުރުވެވިގެންވެ އެވެ.
*ސަލާމްގޮވުމަކީ ޘަވާބާއި ދަރުމަ ލިބެނިވި އަޅުކަމެކެވެ.
* މުސްލިމުންގެ ސަލާމަކީ ތަޢާލާގެ ޙަޟްރަތުންވާ ސަލާމެކެވެ. އަދި އެއީ މަލާއިކަތުންގެ ވެސް ސަލާމެވެ. އަދި އެއީ ސުވަރުގޭގެ އަހުލުވެރީންގެ ވެސް ސަލާމެވެ.
*ސަލާމަކީ އާދަމުގެފާނުގެ ޒަމާނުން ފެށިގެން މަންސޫޚްވުމެއް ނެތި ދެމިގެން އައިސްފައިވާ އަޅުކަމެކެވެ.
* އިސްވެ ސަލާމް ގޮވުމަކީ މުސްތަޙައްބު ސުންނަތެކެވެ.
* އިސްވެ ސަލާމް ގޮވާމީހާގެ ހެޔޮކަން މާ ބޮޑުވެގެންވެ އެވެ.
* އިސްވެ ސަލާމް ގޮވާ މީހަކީ ތަޢާލާގެ ރަޙްމަތާއި މަޣްފިރަތާއި ރުއްސެވުމާއި ޖަންނަތާއި ގާތްކަން ބޮޑު މީހެކެވެ.
* އިސްވެ ސަލާމްގޮވާ މީހާ މީސްތަކުންނަށް ތަޢާލާގެ ނަންފުޅެއް ހަނދުމަކޮށްދިނުމުގެ ސަބަބުން އޭނާގެ ދަރަޖަ މަތިވެރިވެގެންވެ އެވެ.
* ގިނަގިނައިން ސަލާމް ގޮވައި ސަލާމް ފެތުރުމަކީ، ސަލާމަތްކަމާއި އެކީ ސުވަރުގެ ވަދެވޭނެ ވަސީލަތެކެވެ.
* ސަލާމް ގޮވާލެވޭ ހިނދު ސަލާމަށް ޖަވާބު ނުދީފި ނަމަ، އެބައިމީހުންނަށް ވުރެ މާ ހެޔޮކަމާއި މާތްކަން ބޮޑު ބަޔަކު (އެބަހީ މަލާއިކަތުން) އެސަލާމަށް ޖަވާބު ދެއްވާނެ އެވެ.
* ސަލާމަކީ އަމާންކަމުގެ އިޢުލާނެކެވެ.
* ސަލާމް ގޮވުމަކީ ޢަދާވާތްތެރިކަމާއި، ނަފްރަތާއި، ރުޅިވެރިކަން މުޖުތަމަޢުން ނެތި، ލޯތްބާއި އުލްފަތާއި މަޙައްބަތު މުޖުތަމަޢުގައި ޢާންމުވާނެ ކަމެކެވެ.
* ސަލާމް ގޮވުމާއި ސަލާމަށް ޖަވާބު ދިނުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ.
* ސަލާމަށް ޖަވާބު ދިނުމަކީ ވާޖިބެކެވެ.
* ސަލާމް ގޮވުމާއި، ސަލާމް ބަލައިގަތުމުގައި ސުންނަތުގައި ވާރިދުވެފައިވާ ޢިބާރާތްތަކަށް ރައްކާތެރިވުން އައުލާކަން ބޮޑެވެ.
* "السَّلَامُ عَلَيْكُمْ" ކިޔައި ސަލާމް ގޮވުމުން 10 ޘަވާބު ލިބިގެން ދާނެ އެވެ. "لسَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ" ކިޔައި ސަލާމް ގޮވުމުން 20 ޘަވާބު ލިބިގެން ދާނެ އެވެ. "لسَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" ކިޔައި ސަލާމް ގޮވުމުން 30 ޘަވާބު ލިބިގެންދާނެ އެވެ.
* ސަލާމްގެ ޖަވާބު، ސަލާމާއި އެއްފަދަ ޢިބާރާތަކުން، ނުވަތަ އެއަށްވުރެ ފުރިހަމަ ޢިބާރާތަކުން ދިނުމަށް އިރުޝާދު އައިސްފައިވެ އެވެ.
* އަމިއްލަ ގެދޮރަށް ވަންނަމުން ސަލާމް ގޮވުމަކީ އެމީހާއަށާއި ގޭގައިވާ އޭނާގެ އަހުލުންނަށް ބަރަކާތް ލެއްވިގެންދާނެ ކަމެކެވެ.
* މުސްލިމުންގެ މަގުބަރާއެއްގެ ކައިރިން ދާ ހިނދު މައްޔިތުންނަށް ސަލާމްގޮވުމަކީވެސް ޙަދީޘްތަކުންޘާބިތުވާ ސުންނަތެކެވެ.
* ސަލާމް ގޮވުމުގައި މެދުމިނެއްގެ އަޑަކުން ސަލާމް ގޮވުން ހުއްޓެވެ.
* ގޭގެއަށާއި ތަންތަނަށް ވަނުމަށް އިޛްނައަށް އެދުމުގެ ކުރިން ސަލާމްގޮވަން ވާނެއެވެ.
* ސަވާރީއެއްގައި ހުންނަ މީހާ ހިނގާފައިދާ މީހާއަށް ސަލާމްގޮވުމަށް އިސްވާންވާނެއެވެ.
* ހިނގާފައިދާ މީހާ އިށީނދެ އިންނަ މީހާއަށް ސަލާމްގޮވުމަށް އިސްވާންވާނެއެވެ.
* ގިނަ މީހުން މަދު މީހުންނަށް ސަލާމްގޮވުމަށް އިސްވާންވާނެއެވެ.
* ކުޑަކުދިން ބޮޑެތި މީހުންނަށް ސަލާމްގޮވުމަށް އިސްވާންވާނެއެވެ.
* މަޖިލީހަކަށް ޙާޟިރުވާ ހިނދު ސަލާމް ގޮވުމާއި، މަޖިލީހާއި ވަކިވާ ހިނދުވެސް ސަލާމް ގޮވުމަށް ސަމާލުކަން ދޭން ވާނެ އެވެ.
* ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް ސަލާމް ގޮވުމަކީ އިސްލާމްކަމުގެ ހެޔޮވެގެންވާ ސިފަތަކުގެ ތެރެއިން ސިފައެކެވެ.
* މަޖިލީހަކަށް ގޮސް ވަކި މީހަކަށް ޚާއްސަކޮށް ސަލާމް ގޮވާލުމުގެ ބަދަލުގައި، މަޖިލީހުގައި ތިބި އެންމެނަށް ސަލާމް ގޮވާލާށެވެ.
* ދުރުގައި ހުންނަ މީހެއްގެ ސަލާމަށް ޖަވާބު ދޭއިރުގައްޔާއި، ނަމާދަށް ހުއްޓާ ސަލާމް ގޮވާލެވިއްޖެ ނަމަ އަތުގެ އިޝާރާތުން ސަލާމްގެ ޖަވާބުދޭށެވެ.
* ޤަޟާ ޙާޖަތް ކުރަން ހުންނަ މީހަކަށް ސަލާމް ނުގޮވާށެވެ.
* ކާފިރުންގެ ސަލާމަށްވެސް ޖަވާބު ދޭންވާނެ އެވެ.
* ޖަމާޢަތެއްގެ ތެރެއިން އެކަކު ސަލާމް ގޮވުމުން، އަދި ސަލާމްގެ ޖަވާބު ޖަމާޢަތުގެ ތެރެއިން އެކަކު ދިނުމުން ފުދޭނެއެވެ.
* އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ކުދި ފާފަތައް ފޮހެވޭނެ ކަމެކެވެ.
* އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަށް ފަހު މޭމަތީގައިޔާއި ނިތްކުރީގައި އަތް ޖެއްސުމަކީ ސުންނަތުން ސާބިތުވާ ކަމެއް ނޫނެވެ.
* ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އަތާ އަތް ޖޯޑްކޮށް ސަލާމް ކުރުމެއް ނުވެ އެވެ.
* މީސްތަކުންގެ ތެރެއިން އެންމެ ބަޚީލު (ދަހިކަން އެންމެ ބޮޑު) ބަޔަކީ ސަލާމް ގޮވުމަށް ބަޚީލުވެ ގަންނަ މީހުންނެވެ.

ނޯޓް:
މިއީ ޝައިހް އަހުމަދު ރިމާޒްގެ ލިޔުއްވުމެކެވެ.