Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އަދަދުގެ ނޫސްވެރިއަކު މާދަމާ ކޯޓަށް ހާޒިރުކުރަނީ

ނޫސްވެރިޔާ ލީވާން:- ފޮޓޯ/ އަނޫފް ޖުނައިދު

އަދަދު ނޫހުގެ ނޫސްވެރިއަކު މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އެ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އަދަދު ނޫހުގެ ނޫސްވެރިއާ ލީވާން އަލީ ނާސިރަށެވެ. ލީވާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ކޯޓުން ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ލީވާން ހާޒިރުކުރަނީ އިއްޔެ އަދަދު ނޫހުގައި ލިޔެފައިވާ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންނަށް އަމުރުކޮށްފައިވާ ކަމަށް ބުނެ ލިޔެފައިވާ އާޓިކަލަކީ އެ ކޯޓުން ނެރެފައިވާ "ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު" އާ ހިލާފަށް ލިޔެފައިވާ އާޓިކަލެއްތޯ ބެލުމަށްޓަކާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ގެ ދަށުން ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.

ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.