"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރާއި ހިލާފަށް ވާހަކަ ދެއްކި ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިއާ މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓަށް މާދަމާ ހާޒިރުވާން އަންގައިފި އެވެ.
ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.
ޝަހުޒާނަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު ނެރެފައިވަނިކޮށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ގެ ދަށުން ކަމަށް ޗިޓުގައިވެ އެވެ.
ޝަހުޒާންގެ އިތުރުން ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ތުހުމަތުކޮށް އަދަދު ނޫހުގެ ނޫސްވެރިއާ ލީވާން އަލީ ނާސިރު ވެސް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.
ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އަދި ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.