Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

އެމްޑީޕީ އަކީ އެކެއްގެ ވަށާ އެނބުރޭނެ ޕާޓީއެއް ނޫން

އެމްޑީޕީ އަކީ އެކެއްގެ ވަށާ އެނބުރޭނެ ޕާޓީއެއް ނޫންކަން އެ ޕާޓީގެ އާންމު މެމްބަރުން ސާބިތުކޮށްދީފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

"އިތުބާރު" ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މީކާއިލް ވިދާޅުވީ އެމްޑީޕީ އަކީ މަރުވެފައި އޮތް ޕާޓީއެއް ނޫން ކަމަށާއި މިއީ ދިރި ދެމިއޮތް ޕާޓީއެއް ކަމަށެވެ. މިއީ ރާއްޖެއަށް އާ ޒަމާނެއް ގެންނާނެ ޕާޓީ ކަމަށާއި އަދި މިއީ އެކެއްގެ ވަށާ އެނބުރޭނެ ޕާޓީއެއް ނޫންކަން ފާއިތުވި ތިން އަހަރު ފަހުރުވެރިކަމާއެކު އެމްޑީޕީގެ އާންމު މެމްބަރުން ސާބިތުކޮށްދީފައިވާ ކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.

"މި ޕާޓީއަކީ ވަކި ބަޔަކު ވަކިވެގެން ގޮސް ނައްތާލެވޭނެ ޕާޓީއެއް ނޫންކަން މި ޕާޓީގެ އާންމު މެމްބަރުން ސާބިތުކޮށްދިނީ،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބަކީ އިންތިހާބުގެ ކެމްޕޭނުގެ ފަހު ހަފްތާގައި އައި ބަދަލަކުން ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި އެ ބަދަލު ގެންނަން ފެށީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ދެވަނައަށް ވީ ދުވަހު ހަރުގެއަށް ކެމްޕޭނު ޓީމުތަކާއެކު އައިސް ރުކުރުވާލި ރުކުރުވާލުމުން ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބުގައި މި ޕާޓީގެ އާންމު މެމްބަރުން ހޯދި ކާމިޔާބަކީ ފަހު ފަސް ދުވަހު ދެތިން ރަށަކަށް ގޮސްގެން ހޯދި ކާމިޔާބެއް ނޫން،" ނުސީދާކޮށް ނަޝީދަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުން މީކާއިލް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު، އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.