Last Updated: July 11, 11:17
Saturday, July 11, 2026
ކުޅިވަރު

ބާސާގެ ޕެރޭޑްގައި ޔަމާލް ވިހުރުވާލީ ފަލަސްތީނު ދިދަ

ސްޕެނިޝް ލީގު ކާމިޔާބު ކުރި ބާސެލޯނާގެ އުފާފާޅުކުރުމުގެ ބަސް ޕެރޭޑްގައި އެ ކްލަބުގެ ޒުވާން ތަރި ލަމީން ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލައިފި އެވެ.

ބާސާ އިން 29 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދީ ވާދަވެރި ރެއާލް މެޑްރިޑާއި ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ.

ލީގު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން އުފާފާޅުކުރުމަށް ބާސާއިން އިއްޔެ ބޭއްވި ޕެރޭޑްގައި އެންމެ ފާހަގަކޮށްލެވުނީ އުމުރުން 18 އަހަރުގެ ޔަމާލް ފަލަސްތީނުގެ ދިދަ ވިހުރުވާލުމެވެ. ބާސާގެ މި ކާމިޔާބީގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބާސާގެ މަގުތަކަށް އެއްވެފަ އެވެ.

އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފަލަސްތީނުގެ ގާޒާގައި ގަތުލްއާންމެއް ހިންގަން ފެށި ފަހުން ފަލަސްތީނުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން އަންނަ ޔޫރަޕްގެ އެއް ގައުމަކީ ސްޕެއިން އެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާގައި ފަލަސްތީނުގެ ދިފާއުގައި ބޮޑެތި އެއްވުންތަކެއް ވެސް މީގެކުރިން ބާއްވާފައިވެ އެވެ.

ލީގުގައި ބާކީ ތިން މެޗު އޮއްވާ ބާސާއިން ލީގު ޔަގީންކުރީ 35 މެޗުން 91 ޕޮއިންޓް ހަމަކޮށްގެންނެވެ. ރެއާލް ދެވަނައިގައި އޮތީ 35 މެޗުން 77 ޕޮއިންޓާއެކުގަ އެވެ.

ރެއާލުން މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.