Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

ނަޝީދު ލަންކާ އަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދަވާ 'ބޮޑު ބަދަލު' ގެ ސްރީ ލަންކާގެ ބައްދަލުވުމަށް ނަޝީދު މިއަދު ލަންކާ އަށް ފުރާވަޑައިގެންފި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ މި ރޭ ލަންކާގެ ދެހިވަލައިގަ އެވެ. ބައްދަލުވުން ކުރިއަށް ދާނީ 8:00-10:00 އަށެވެ.

އެހެންވެ ލަންކާގައި އުޅޭ ވީހާ ވެސް ގިނަ ދިވެހިން ބައްދަލުވުމުގައި ބައިވެރިވާން ނަޝީދާއި ފައްޔާޒްގެ ޓީމުން އެދެ އެވެ.

އަވައްޓެރި ލަންކާ އަކީ ވަރަށް ގިނަ ވަރަށް ދިވެހިން އުޅޭ ގައުމެކެވެ. އެ ގައުމުގައި އުޅޭ ދިވެހިންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.

'ބޮޑު ބަދަލު' ގެ ބައްދަލުވުމެއް މިރޭ ލަންކާގައި ބާއްވާއިރު، މީގެ ބައްދަލުވުންތަކެއް މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ބާއްވާފައިވެ އެވެ. ބޮޑު ބަދަލު އިއުލާންކުރީ މިދިޔަ މަހުގެ 19 ގަ އެވެ.

ކުރިން ވެސް އެމްޑީގެ ޗެއާޕާސަންކަމާއި އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިހާރު ގެންދަވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ކަމަށް ވެސް އަލުން ވާދަކުރައްވަމުންނެވެ. އެގޮތުން އަންނަ މަހުގެ 12 ގައި ބާއްވާ އެ އިންތިހާބުގައި ދެން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮޅު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ އިތުރުން އިބްރާހިމް މުހައްމަދު، (ވާޑު) އެވެ.