މި އަހަރުގެ ބޮޑު އީދުގައި ކުޅުދުއްފުށި ސިޓިގައި ބާއްވަން ހަމަޖެހިފައިވާ މަށިމާލި ޕެރޭޑްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ކައުންސިލުން ބުނީ އޭގައި ބައިވެރިވެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތައް ކަމަށާއި މާލިތަކަށް ޒިންމާވާނީ އެ ދައްކައިލާ ފަރާތަކުން ކަމަށެވެ. އަދި ޕެރޭޑްގައި ބައިވެރިކުރާ މާލިތައް ހުންނަން ވާނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އަދި މާލިތަކުގައި މީހުންގެ ފޮޓޯ އާއި ނަން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި ކުދި ބޮޑު އެންމެން މާލި ޕެރޭޑްގައި ބައިވެރިވާން އެދޭ ކަމަށް ވެސް ކުޅުދުއްފުށީ ކައުންސިލުން ބުންޏެވެ.
އީދަށް އެ ސިޓީގައި މާލި ޕެރޭޑް ބޭއްވުމަކީ ވަރަށް ކުރިން ފެށިގެން ހިންގަމުން އަންނަ ކާމިޔާބު ހަރަކާތެކެވެ. އަދި މި ފަހުން ކުޅުދުއްފުށީގައި ބާއްވަމުން އަންނަ ޕެރޭޑްތަކަށް މުޅި ރާއްޖޭގެ ސަމާލުކަން ވެސް ލިބެ އެވެ.
މި މާލި ޕެރޭޑަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެން ދިމާވި އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ނުފުއްދާ ވައުދުތައް ހަނދާންކޮށް ދިނުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަން މާލި ޕެރޭޑްގެ ތެރޭގައި ފެންނަން ފެށުމެވެ. މީގެ ސަބަބުން މުޅި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އިންތިޒާރުކުރާ މާލި ޕެރޭޑަކަށް ކުޅުދުއްފުށީގައި ބޮޑު އީދަށް ބާއްވާ މާލި ޕެރޭޑްވެގެން ގޮސްފައިވެ އެވެ.
އެ ސިޓީގެ ޕެރޭޑްގައި ދައްކައިލާ ބައެއް މާލިތަކާ ގުޅިގެން މީގެ ކުރިން ސިޔާސީ ބައެއް ފަރާތްތަކުގެ ނުރުހުން ވެސް އަމާޒުވެފައިވެ އެވެ.
އީދަށް ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މާލި ޕެރޭޑްތައް ބާއްވަ އެވެ. އެކަމަކު މުޅި ރާއްޖެ އެންމެ މަޝްހޫރު ކުޅުދުއްފުށީގެ މާލި ޕެރޭޑެވެ.