ރާއްޖޭގައި މިހާރު ބިދޭސީ ނަރުހުންނަށް ވުރެ ގިނައީ ދިވެހި ނަރުހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 64 ޕަސެންޓަކީ މިހާރު ދިވެހި ނަރުހުންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2،503 ނަރުހުންނަކީ ދިވެހިންނެވެ. މި ވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ އަދަދަކީ 1،404 އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ޖުމްލަ 3،907 ނަރުހުން މިހާރު މަސައްކަތް ކުރަމުން އަންނަ އިރު، އޭގެ ތެރެއިން 3،593 މީހުންނަކީ އަންހެން އަންހެނުންނެވެ. އެއީ ނަރުހުންގެ 92 ޕަސެންޓެވެ. ފިރިހެން ނަރުހުންގެ އަދަދަކީ 314 އެވެ. އެއީ ނަރުހުންގެ އެންމެ 8 ޕަސެންޓެވެ.
މާލެ އާއި އަތޮޅުތަކަށް ބަލާ އިރު، އެންމެ ގިނަ ނަރުހުން މަސައްކަތް ކުރަނީ މާލެ ސަރަހައްދުގަ އެއެވެ. އެގޮތުން 1،989 ނަރުހަކު މާލެ ސަރަހައްދުގައި މަސައްކަތް ކުރަމުބް އަންނަ އިރު، އަތޮޅު ތެރޭގައި މަސައްކަތް ކުރަނީ 1،918 ނަރުހުންނެވެ.
ރާއްޖޭގައި ނަރުހުން އުފެއްދުމުގެ މަސައްކަތަށް މި ފަހުން ވަރަށް ބޮޑު އިސްކަމެއް ދެމުންް އަންނަ އިރު، މި ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައީ ބިދޭސީ ނަރުހުންނެވެ. ނަމަވެސް ރާއްޖޭގައު ނަރުހުން ތަމްރީނު ކުރުމުގެ މަސައްކަތް ފުޅާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ހިދުމަތަށް ކޮންމެ އަހަރަކު ނުކުންނަ ދިވެހި ނަރުހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ގައުމީ ޔުނިވަސިޓީގެ އިތުރަށް ވިލާ ކޮލެޖުގައި ވެސް މިހާރު ނަރުހުން ތަމްރީނު ކުރެ އެވެ.
ރާއްޖޭގައި މިހާރު ނަރުހުން މަސައްކަތްކުރާ ތަންތަނަށް ބަލާއިރު 3،291 ނަރުހުންނަކީ ސަރުކާރުން ހިންގާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނެވެ. އެއީ ނަރުހުންގެ 84 ޕަސެންޓެވެ. އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 616 ނަރުހުން މަސައްކަތްކުރެ އެވެ.
މި ދާއިރާ އަށް މި ފަހުން އައި އެންމެ ބޮޑު އެއް ކުރިއެރުމަކީ ކުރިން މުޅިން ވެސް އަންހެނުން ހަރަކާތްތެރިވަމުން އައި ދާއިރާ އަށް ނުކުންނަ ފިރިހެނުން ވެސް މަޑުމަޑުން ނަމަވެސް އިތުރުވާން ފެށުމެވެ.
ނަރުހުންނަކީ ސިއްހީ ދާއިރާގައި ޑޮކްޓަރުން ދެން އެންމެ ފާހަގަކޮށްލެވޭ މީހުންނެވެ.